ސްރީ ލަންކާ އާއި އިންޑޮނޭޝިއާއަށް ސްޓާލިންކްގެ ހިދުމަތް ހިލޭ ދޭން ނިންމައިފިއެވެ.

ތޫފާނާ ގުޅިގެން، އިންޑޮނޭޝިއާ އާއި ސްރީލަންކާ އަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން މުއާސަލާތީ ޚިދުމަތުގެ މުހިންމުކަން ވަނީ ވަރަށް ބޮޑުވެފައެވެ. އަދި އެތައް ސަރަހައްދު ތަކެއްގައި މި ޚިދުމަތަށް ވަނީ ބުރޫ އަރައިފައެވެ.

ދެ ގައުމަށް ލިބުނު ގެއްލުންތަކުގެ ތެރެއިން އިންޓަނެޓުގެ ހިދުމަތް ވެސް މެދުކެނޑި ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާއިރު ސްޓާލިންކުން ވަނީ މި ދެ ގައުމަށް ދެމުން އަންނަ އިންޓަނެޓް ހިދުމަތް ހިލޭ ކުރުމަށް ނިންމާފައި ކަމަށް ރިޕޯޓުތައް ބުނެފައެވެ.

ސްޓާލިންކުން ވަނީ އިންޑޮނޭޝިއާ ސަރުކާރާ ގުޅިގެން އެ ގައުމުގެ އެކި ސަރަހައްދުތަކަށް ސްޓާލިންކުގެ ޓާމިނަލްތައް ސަޕްލައިކޮށް ހިދުމަތް ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް ފަށާފައި ކަމަށް ހަބަރުތައް ބުނެއެވެ.

އިންޑޮނޭޝިއާ އަށް އަރާފައިވާ ތޫފާނުގައި އެ ގައުމުން އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ ސުމަޓްރާ ސަރަހައްދަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ސުމަޓްރާއަށް ލިބިފައިވާ ގެއްލުންތަކުގައި އެ ސަރަހައްދަށް ބޮޑެތި ގެއްލުންތައް ވެ ހުރިހާ ހިދުމަތްތަކަކުން މަހުރޫމުވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ސްޓާލިންކުން ވަނީ ލަންކާ ސަރުކާރާ ގުޅިގެން އެގައުމުގެ އެކި ސަަރަހައްދުތަކަށް ވެސް އިންޓަނެޓް ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ފަށައިފައި ކަމަށް އެ ކުންފުނިން ބުނެއެވެ.