ސްރީ ލަންކާއަށް އެހީތެރިވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 25،000 ޑޮލަރު ހަދިޔާކޮށްފިއެވެ.
ތޫފާން "ދިތުވާ" އާ ގުޅިގެން އަވަށްޓެރި ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެގައުމަށް ބޮޑެތި ގެއްލުންތަކެއްވެ، ގިނަ ބަޔަކު މަރުވުމާއެކު އެތައް ބަޔަކު ހާލުގައި ޖެހިފައިވާތީ، އެގައުމަށް އެހީތެރިވުމުގެ ގޮތުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހިން" ޓެލެތޯންގެ ފަންޑަށް ބީއެމްއެލްގެ ފަރާތުން މިއަދު އެ ފައިސާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.
އެ ފައިސާ ހަދިޔާކުރުމަށްފަހު ޝަރީފް ވިދާޅުވީ ލަންކާއަކީ ރާއްޖެއާއެކު ވިޔަފާރީގެ ގުޅުން ވަރަށް ބޮޑަށް ގާއިމުކޮށްފައިވާ ގައުމެއް ކަމަށާއި އެކި ގޮތްގޮތުން ގުޅުން ބަދަހިވެފައިވާ ގައުމެއްކަމުން ލަންކާއަށް އެހީތެރިވުމަށް ނިންމާފައިވާ ކަމަށެވެ.
ޕީއެސްއެމްގައި މި ޓެލެތޯން ކުރިއަށްގެންދަނީ މިއަދު ހެނދުނު 9:00 އިން މިރޭ މެންދަމު 1:00އާ ހަމައަށެވެ. އެ ޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ދިވެހި ރައްޔިތުންނަށާއި ޖަމްއިއްޔާތަކަށާއި ޖަމާއަތްތަކަށާއި ކްލަބްތަކަށާއި އޮފީސްތަކަށް ވެސް ވަނީ ހުޅުވާލައިފައެވެ.
ޕީއެސްއެމުން ބުނީ އެ ޓެލެތޯނަށް ފައިސާ ހޯދުމަށް އެހީވުމަށް، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ފަންޑު ފޮށިތައް ބަހައްޓާފައިވާ ކަމަށެވެ. އެކަމަށް ފަސޭހަ ކުރުމަށް ކިއުއާރު ކޯޑް ސްކޭންކޮށްގެން ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.
އޭގެ އިތުރުން ބީއެލްއެލް އެކައުންޓަކާއި ޑޮލަރު އެކައުންޓެއްވެސް ވަނީ ހުޅުވައިފައެވެ. އަދި އެ ޓެލެތޯނަށް ލިބޭ ފައިސާ ޖަމާކުރުމަށް ހާއްސަ އެކައުންޓެއް ހަދާފައިވާ އިރު، އެކަން ކުރިއަށްގެންދަނީ މިނިވަން އޮޑިޓް ފާމެއްގެ ބެލުމުގެ ދަށުން ދެފުށް ފެންނަ ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެގޮތަށް، ކްރޯ މޯލްޑިވްސްއިން ކަމަށް ވެސް ޕީއެސްއެމުން ބުންޏެވެ.
މިހާރުވެސް ގިނަ އަދަދަދެއްގެ ދިވެހި އާއިލާތައް ދިރިއުޅޭ ރާއްޖޭގެ އަވަށްޓެރި ލަންކާއަކީ ދިވެހިން އާންމުކޮށް ދަތުރުކުރާ އެއްގައުމެވެ. އެކިއެކި ބަލިތަކަށް ފަރުވާހޯދުމަށާއި ޗުއްޓީ ހޭދަކޮށްލުމަށާއި އަދި ރަސްމީ ދަރުތުތަކުގައި ވެސް ލަންކާއަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ މަންޒިލަކަށް ވަނީ ވެފައެވެ.
ޕީއެސްއެމުން މައުލޫމާތުދޭގޮތުގައި "ސިލޯނާއެކު ދިވެހިން" ޓެލެތޯންގެ ފަންޑަށް މިހާތަނަށް ވަނީ 1.7 މިލިއަން ރުފިޔާ އާއި 37،800 އަށްވުރެ ގިނަ ޑޮލަރު ލިބިފައެވެ.
ޓެލެތޯނަށް އެހީވުމަށް
- ބީއެމްއެލް ޓްރާސްފާ ނަމްބަރު (ރުފިޔާ) 7730000796107
- ބީއެމްއެލް ޓްރާސްފާ ނަމްބަރު (ޑޮލަރު) 7730000796106
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް