އިނގިރޭސި ރަސްގެފާނު ހިޒް މެޖަސްޓީ ކިންގް ޗާލްސް ތިންވަނައިގެގެ ދައުވަތަކަށް ބާއްވާ މޫސުމާ ގުޅޭ ބައްދަލުވުމަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ރޭ ފުރާވަޑައިގެންފިއެވެ.

"ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް (އެސްއެމްއައި) އިން އިންތިޒާމު ކޮށްގެން ބާއްވާ "ހައި-ލެވެލް ބްރީފިން އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން" ގައި ޑިވެލޮޕްމަންޓް ބޭންކުތަކާއި ދުނިޔޭގެ ބޮޑެތި މާލީ މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ ބައްދަލުކުރެއްވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާނީ، މޫސުމީ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ދުވެލި އަވަސްކުރުމަށް، ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ހަރުދަނާކޮށްގެން، ޕްރައިވެޓް ކެޕިޓަލް ބޭނުންކުރެވިދާނޭ ގޮތްތަކާމެދުގައި ކަމަށެވެ.

ރައީސް އޮފީހުން ބުނީ ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް އަކީ، ކިންގް ޗާލްސް ތަސައްވުރެއްގެ މައްޗަށް ބިނާކުރައްވާފައިވާ، އެ މަނިކުފާނުގެ އިސްނެންގެވުމެއް ކަމަށެވެ. އަދި ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގެ މަސައްކަތްތަކުގައި އަމިއްލަ ވިޔަފާރިތައް ހަރަކާތްތެރިކުރުވާ މަންސައެއް ކަމަށްވެސް ބުންޏެވެ

އެގޮތުން، އަމިއްލަ ވިޔަފާރި ކުންފުނިތަކުގެ ވެރީންނާއި ބައިނަލްއަގު ވާމީ ފެންވަރުގައި ނިންމުންތައް ނިންމާ ފަރާތްތަކުން ހިންގާ އިގްތިސޯދީ ހަރަކާތްތަކަކީ، ދެމެހެއްޓެނިވިކަމުގެ މައްޗަށް ބިނާކުރާ ހަރަކާތްތަކަކަށް ހެދުމަށް އެސްއެމްއައި އިން ބާރުއަޅާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން އަމިއްލަ ވިޔަފާރިތަކުން ކުރާ ދުރުރާސްތާ މަސައްކަތްތަކަކީ، ތިމާވެށީގެ ގޮތުން ޒިންމާދާރު އަދި ގައުމީ ފެންވަރުގެ މޫސުމީ ލަނޑުދަނޑިތަކާއި "1.5 ޑިގްރީ ސެލްސިއަސް ޕާތުވޭ" އަށް ވާސިލު ވުން އެއްގޮތް ކުރަން މަގު ދައްކައި ދިނުމަކީ އެ އިނީޝިއޭޓިވްގެ އަމާޒެކެވެ.

ރައީސް މުއިއްޒު އެންމެ ފަހުން އިނގިރޭސި ވިލާތަށް ދަތުރުފުޅެއް ކުރެއްވީ މި އަހަރުގެ ޖުލައި މަހު އެވެ.