ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބް އަތުން އޮޑި ސްޕޯޓްސް ކްލަބް މޮޅުވި މެޗުގައި، އޮޑީގެ ކެޕްޓަން، މުހައްމަދު ރަޝީދު (ހޮކޭ) އަށް ފިޓް ޖެހިގެން، އޭޑީކޭގައި ފަރުވާދޭން ފަށައިފިއެވެ.

ބޯ ވިއްސާރައިގެ ތެރޭގައި މެޗުގެ ބޮޑުބައި ކުޅެން ޖެހުނު މިއަދުގެ މެޗުން އޮޑި މޮޅުވީ 3-0 އިންނެވެ.

މެޗުގެ ތެރެއިން، 66 ވަނަ މިނިޓުގައި، ދަނޑުގެ މެދެއްހާ ހިސާބުން މަތިން އައި ބޯޅައަކަށް ފުންމައިގެން އަރައި, ޓީސީގެ އަހުމަދު މާއިޝް (މާއީ)، ކައިރިން ބޮލުން ބޯޅަ ފޮނުވާލި ވަގުތު ހޮކޭ ކުއްލިއަކަށް ދަނޑު މައްޗަށް ވެއްޓުނެވެ.

އެ ވަގުތުން ފެށިގެން ފަރުވާ ދީފައިވާ އިރު، ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު އަށިގަނޑުގައި ދަނޑުން ބާލައި، ވަގުތުން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައެވެ.

މިއަދުގެ މެޗުގެ ތެރެއިން ފިޓް ޖެހުނު، ހޮކޭއަށް އެވަގުތު ތިން ފަަހަރެއްގެ މަތިން ފިޓްޖެހުނު ކަމަށް އޮޑީގެ އޮފިޝަލް، އަލީ ޝިފާޒު ވަނީ މީޑިއާއަށް މައުލޫމާތު ދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދަނޑުމަތިން ހޮކޭއަށް ފުރަތަމަ ފިޓް ޖެހުނު އިރު، ދެވަނަ ފަހަރަށް ފިޓް ޖެހުނީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ ފަހުންވެސް އޭނާއަށް ފިޓް ޖެހުނު ކަމަށް އޮޑިން މައުލޫމާތު ދީފައިވެއެވެ.

ފުރަަތަމަ ޑިވިޝަނުގައި ގިނަ ކްލަބްތަކަކަށް ކުޅެފައިވާ ހޮކޭ، ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅައިން ރިޓަޔާކުރުމަށް ފަހު، އެނބުރި އައީ އޮޑީގެ ކެޕްޓަންގެ ގޮތުގައި މި ސީޒަނަށެވެ. ހޮކޭއަކީ ގައުމީ ޓީމާއެކުވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ މޮޅު ޑިފެންޑަރެކެވެ.

އޮޑިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ހޮކޭ އަށް ދިމާވި މި ކުއްލި ހާލަތުގައި އޭނާއަށް މެޑިކަލް އެހީތެރިކަން ފޯރުކޮށްދިން އޮޑީގެ ފިޓްނަސް ކޯޗު، އަހުމަދު މަހުފޫޒް މުހައްމަދު އާއި ޓީސީގެ ފިޒިއޯ ޝަރަފުއްދީން (ޝަރަފް) އަދި މާޒިޔާގެ މެޑިކަލް އޮފިސަރު، ޑރ. ހިޝާމް ޒަކީ އަށް ޝުކުރު އަދާކޮށްފައެވެ.

އެ ކްލަބުން ބުނީ ހޮކޭއަށް ފަރުވާ ދިނުން އަވަސް ކުރުމުގައި އެވަގުތު ދަނޑުގައި ތިބި މެޑިކަލް އޮފިސަރުން އަދާކުރި ޒިންމާއަކީ ނަމޫނާއެއް ކަމަށް ބުނެފައެވެ.