ދެ ޑްރެޖަރު ބޭނުންކޮށްގެން ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޑްރެޖާ ޓީއެސްއެޗްޑީ ޕްރިންސް ޑެ ނެދަލޭންޑެން އައިސްފައިވާ ކަމަށާއި ހުޅުމާލެ ފޭސް 3 ގައި މިހާރު މަސައްކަތް ކުރަމުންދާ ޑްރެޖާ ޓީއެސްއެޗްޑީ އޮރާންޖީއާ އެކު އެތަނުގައި މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އެއްފަހަރާ ދެ ޑްރެޖަރުން ކުރަމުންދާ ކަމަށެވެ.

ހުޅުމާލެ ފޭސް ތިނެއްގެ ބިންހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވަނީ މިމަހު 10 ގައެވެ. ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ލަފާކުރެވޭ އިރު، އޭގެ ފަހުން ދެ ޑްރެޖަރު ވެސް ގިރާވަރަށް ބަދަލުކޮށް، ދެތިން މަސް ދުވަހުގެ ތެރޭގައި ގިރާވަރުގެ މަސައްކަތް ނިންމާނެކަމަށް ބެލެވެއެވެ.

މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އަމީނިއްޔާ ސްކޫލުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވަނީ ރަސްމާލޭގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ތިން ދިމާލަކުން ހިއްކަމުންދާ އިރު، އެއް ދިމާލެއްގެ މަސައްކަތް ހުއްޓުމެއްނެތި ކުރިިއަށްގެންދާ ކަމަށެވެ.

"މި މަސް ނިމޭއިރު ނޫނިއްޔާ ޑިސެމްބަރުގެ ފުރަތަމަ ހަފުތާގައި އެތަނުގެ މަސައްކަތް ދެގުނަ ތިން ގުނައަށް ބާރުވެގެން ދާނެ ވަރަށް ބޮޑު ޑްރަޖަރެއް އެބަ ގެންނަން. މިހާރު ހުޅުމާލޭގެ ފޭސް ތިނެއް މި ހިއްކާ ޑްރެޖަރުގެ ދެގުނައިގެ ސައިޒްގެ ޑްރެޖަރެއް،" އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ އަލަށް ގެނައި ޑްރަޖަރަށްވުރެ ވެސް ރަސްމާލެ ހިއްކަން ގެންނަ ޑްރެޖަރު ދެގުނަ ބޮޑުވާނެ ކަމަށާއި އެ ޑްރަޖަރު ގެނެވުމާއެކު ރަސްމާލެ ހިއްކުމުގެ ސްޕީޑު ތިންގުނައަށް މަތިވެގެންދާނެ ކަމަށެވެ. އަދި އެ ޑްރެޖަރާއެކު އަންނަ މަހުގެ ކުރީކޮޅު މަސައްކަތް ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

"ފަށައިގެން ގޮސް މާޗް ހިސާބުން ނޫނީ، އެޕްރީލް ހިސާބަށް ދާއިރުގައި އެތަން އެއްކޮށް އިރާދަކުރެއްވިއްޔާ ނިމޭނެ. ނިމޭއިރުގައި ހިއްކައި ނިމެނީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމަ އޮތް ބިމަށްވުރެ ދެގުނަ ބޮޑުބިމެއް. އެހެންވީމަ އެތަން ހިއްކައި ނިމޭނީ،" އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ ރަސްމާލޭގެ ޕްލޭންގައި 25،000 ގޯތި ހިމެނޭނެ ކަމަށާއި އެތަނުން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން 10،000 ގޯތި ދޫކުރާނީ މާލޭގެ ރަށްވެހިންނަށް ކަމަށެވެ. އަދި 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި މާލޭގައި ދިރިއުޅޭ އެކި ރަށްރަށުގެ މީހުންނަށް 3،000 ގޯތި ހާއްސަކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.