ސްރީ ލަންކާގެ ނުވަރަލިޔާއަށް ގޮސް އުޅެނިކޮށް، ހަބަރެއް ނުވެގެން ހޯދަމުންދިޔަ ދިވެހި އާއިލާ ފެނިއްޖެއެވެ.

ހަބަރެއް ނުވުމުގެ ސަބަބުން ގެއްލިގެން ހޯދަމުންދިޔަ ދިވެހި އާއިލާ ނުވަރަލިޔާއަށް ދިޔައީ ޗުއްޓީއަށެވެ. އެއީ ދިވެހި ފިރިހެނަކާއި ލަންކާއަށް ނިސްބަތްވާ އަންހެނަކާއި އެ ދެ މީހުންގެ ކުޑަ ދަރިފުޅެވެ.

ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު މިރޭ "ވަން"އަށް ވިދާޅުވީ އެ އާއިލާގެ ހަބަރެއް ނުވެފައިވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން މުއާސަލާތު ނުކުރެވުމުގެ ސަބަބުން ކަމަށެވެ.

މިހާރު އެ އާއިލާ ތިބީ އެމީހުންގެ އެކުވެރިއެއްގެ ގޭގައި ކަމަށާއި އާއިލާ ހެޔޮ ހާލުގައި ތިބި ކަމަށް ސަފީރު ވިދާޅުވިއެވެ.

ލަންކާ ކައިރީގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، އެ ގައުމުގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ވެސް ކެނޑިފައެވެ. ''ޑިޓްވާ'' ނަމުން ނަންދީފައިވާ އެ ތޫފާނުގައި މިހާތަނަށް 65 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.