ހއ. ދިއްދޫގައި ޒަމާނީ ފެންވަރަށް ބިނާކޮށްފައިވާ އިސްލާމީ މަރުކަޒު ރަސްމީކޮށް ހުޅުވައިފިއެވެ.
މިއަދުގެ ހުކުރު ނަމާދަށް އިސްލާމީ މަރުކަޒާއި މަސްޖިދު ޝަހީދު އުމަރު އަހުމަދު މިސްކިތް ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ޖުމުލަ 1500 މީހުންނަށް ނަމާދުކުރެވޭ ޖާގަ ހިމެނޭ ދިއްދޫ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތްކޮށްފައިވަނީ ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އިންނެވެ. އާރުސީސީއާ އެ މަޝްރޫއު ހަވާލުކުރީ 50 މިލިއަން ރުފިޔާއަށެވެ.
ދިއްދޫ އިސްލާމީ މަރުކަޒަކީ ގިނަ ވަސީލަތްތަކަކާއެކު ތަރައްގީކޮށްފައިވާ އިސްލާމީ މަރުކަޒެކެވެ. އެގޮތުން އެ އިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން އިސްލާމީ ކުތުބުހާނާއާއި، ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރަކާއި މަލްޓިޕާޕޮސް ހޯލަކާއި، ސެމިނާ ރޫމެއް އަދި އިދާރީ އޮފީސް ބައެއް ހިމެނެއެވެ.
ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވާފައިވަނީ ހުރިހާ ވަސީލަތެއް ގާއިމުކޮށް ފުރިހަމަ ކުރުމަށްފަހުގައެވެ. އެގޮތުން އިސްލާމީ މަރުކަޒުގެ ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ލިފްޓުވެސް ވަނީ ހަރުކޮށްފައެވެ.
އެ އިސްލާމީ މަރުކަޒުގެ މިސްކިތަށް ޝަހީދު އުމަރު އަހުމަދުގެ ނަން ދީފައިވަނީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ޝަހީދުވި، ދިއްދުއަށް ނިސްބަތްވާ ޝަހީދު އުމަރު އަހުމަދުގެ ހަނދާނުގައެވެ. އޭރު ޝަހީދު އުމަރު އަހުމަދަކީ، މާލޭގައި ހުންނަ އިސްލާމީ މަރުކަޒުގެ ގާޑެއްގެ ގޮތުގައެވެ.
ޝަހީދު އުމަރު އަހުމަދު އެ ދުވަހު އިސްލާމީ މަރުކަޒުން ނުކުންނެވި ވަގުތު، ދުޝްމަނުން ވަނީ ބިރުދައްކައި ރަހީނުކޮށް، ދުޝްމަނުން ފިލަން މަސައްކަތްކުރި އިރު، ހައިޖެކްކުރި "ޕްރޮގްރެސް ލައިޓް" ބޯޓުގައި ގެންދިޔައެވެ. އުމުރުން 45 އަހަރުގައި ޝަހީދު އުމަރު އަހުމަދު ޝަހީދުވީ ބޯޓު ހުއްޓުވުމަށްޓަކައި އިންޑިއާގެ މަނަވަރުން ދިން ހަމަލާގެ ތެރޭގައެވެ.
ހއ. ދިއްދޫ
ހއ. ދިއްދޫ
ހއ. ދިއްދޫ
ހއ. ދިއްދޫ