ހައިސްޕީޑް ފެރީ ވިއުގައަކުން ރާއްޖެ ގުޅާލުމަށް ފަރުމާކޮށްފައިވާ "ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި، އިންޓަގްރޭޓެޑް ޒޯން ދޭއްގެ ނ. އަތޮޅާއި ރ. އަތޮޅާ ދެމެދު ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ހިދުމަތް، އަންނަ އާދީއްތަ ދުވަހު ފެށުމަށް ނިންމައިފިއެވެ.
އާރުޓީއެލް ފެރީގެ ހިދުމަތްދެމުން އަންނަ އެމްޓީސީސީން ބުނީ ނ. އަތޮޅާއި ރ. އަތޮޅު އާރުޓީއެލްގެ ވިއުގައިން، ގުޅުވާލުމަށް ކަނޑައަޅާފައިވާ ދެ ރަށަކީ ނ. މަނަދޫއާއި ރ. އުނގޫފާރު ކަމަށާއި އެ ހިދުމަތް ދިނުމަށް ބޭނުންކުރާނީ 32 ޕަސިންޖަރުންގެ ޖާގައިގެ ފެރީއެއް ކަމަށެވެ. އަދި އެ ފެރީގައި ދެ ސީޓު (އެންސްޕާ)ގައި ރަޖިސްޓްރީވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކުރެވިފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ރ. އަތޮޅާއި ނ. އަތޮޅާ ދެމެދު އާރުޓީއެލް ފެރީ ހިދުމަތް ފެށިގެން ދިއުމާއެކު، އެ ދެ އަތޮޅުގެ ރައްޔިތުންނަށް އިގުތިސާދީ ގޮތުންނާއި އިޖުތިމާއީގޮތުން ގިނަގުނަ ފައިދާތަކަކާއި މަންފާތަކެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ ކަސްޓަމަރުންނަށް އާރުޓީއެލް ހިދުމަތުގެ ޓިކެޓު، އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރުޓީއެލް ޓްރެވެލް އެޕް މެދުވެރިކޮށް ލިބޭނެ ކަމަށާއި ކިޔުއާރް ޓިކެޓު ލިބޭނެ ގޮތުގެ ވީޑިއޯ ޔޫޓިއުބް ޗެނަލް އަދި ސޯޝަލް މީޑިއާގައި ޝާއިއުކުރެވިފައިވާނެ ކަމަށެވެ. އަދި އާރުޓީއެލް ޓްރެވަލް އެޕް، އެޕަލް އެޕް ސްޓޯ އަދި ގޫގްލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އައިއޯއެސް - އާރުޓީއެލް ޓްރެވަލް އެޕް
އެންޑްރޮއިޑް - އާރުޓީއެލް ޓްރެވަލް އެޕް
އާރުޓީއެލް ފެރީގެ ހިދުމަތަކީ ރަސްމީކޮށް އަގު ނަގައިގެން ދެމުން އަންނަ ހިދުމަތެއް ކަމުގައިވީ ނަމަވެސް، އެންސްޕާގައި ރަޖިސްޓްރީ ވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފެރީތަކުން ހިލޭ ދަތުރުކުރެވެއެވެ.
އެމްޓީސީސީން ބުނީ އާރުޓީއެލް ފެރީ ހިދުމަތުގެ ޝެޑިއުލް އާރުޓީއެލް ވެބްސައިޓް އަދި އާރުޓީއެލް ޓްރެވަލް އެޕް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށެވެ. އަދި ހިދުމަތާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ބޭނުން ނަމަ، އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުމަށް ވަނީ އެދިފައެވެ.
އާރުޓީއެލް ހިދުމަތް މިހާރު ދެމުންގެންދަނީ 12 އަތޮޅެއްގައެވެ. އެއީ؛
- ޒޯން 1 - ހއ، ހދ، ށ
- ޒޯން 2 - ނ، ރ، ބ، އަދި ޅ. އަތޮޅު
- ޒޯން 4 - ތ. އަތޮޅު
- ޒޯން 5 - ގއ، ގދ. އަތޮޅު
- ޒޯން 6 - ފުވައްމުލައް އަދި އައްޑޫގައި
އޭގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ލަފާގެ މަތިން ބާކީ އަށް އަތޮޅުގައިވެސް އާރުޓީއެލް ހިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ލ. އަތޮޅަށް މިދިޔަ މަހު ކުރެއްވި ދަތުރުފުޅުގައި އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށިގެންދާނެއެވެ.
އެމްޓީސީސީން ބުނީ ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން އެ ކުންފުނީގެ މަގުސަދަކީ އެކަށީގެންވާ އަގުގައި، ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުން ކަމަށެވެ.
އާރުޓީއެލް ފެރީ
އާރުޓީއެލް ފެރީ
އާރުޓީއެލް ފެރީ
އާރުޓީއެލް ފެރީ