އޮސްޓްރޭލިއާގައި މިޔަރެއް ދިން ހަމަލާގައި މީހަކު މަރުވެއްޖެއެވެ.

އޮސްޓްރޭލިއާގެ ނިއު ސައުތް ވޭލްސްގެ ބީޗެއްގައި އިއްޔެ ހިނގި އެ ހާދިސާގައި މިޔަރު ހަމަލާދީފައިވަނީ އެ ސަރަހައްދުގައި މޫދަށް އެރިއުޅުނު ދެމީހަކަށް ކަމަށާއި އޭގެތެރެއިން އަންހެނަކު މަރުވެފައިވާ އިރު، ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއްވެގެން ފަރުވާ ދެމުންދާ ކަމަށް އޮފިޝަލުން ބުނެއެވެ.

އޮސްޓްރޭލިއާގެ ފުލުހުން ބުނީ އުމުރުން 20 އަހަރުގެ އެ އަންހެން މީހާ މިޔަރު ދިން ހަމަލާގައި ވަގުތުން މަރުވެފައިވާ ކަމަށާއި ފިރިހެން މީހާއަށް ފަރުވާދިނުމަށް ވައިގެމަގުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށެވެ.

އޮސްޓްރޭލިއާގެ އޮފިޝަލުން ވަނީ އެމީހުންނަށް ހަމަލާދިން ކަމަށް ބެލެވެނީ ބުލް ޝާކެއް ކަމަށާއި އެ ބާވަތުގެ މިޔަރު އެ ސަރަހައްދުން ގިނައިން ފެންނަ ކަމަށް ބުނެފައެވެ.

އޮފިޝަލުން ބުނީ އެ ހާދިސާ ހިނގި ބީޗް ބަންދުކޮށްފައިވާ ކަމަށާއި އެ ސަރަހައްދުގައި އުޅޭ މިޔަރުތައް ހޯދައި ޓެގް އެޅުވުމަށް އެ ސަރަހައްދަށް ހާއްސަ ޑިވައިސްތަކެއް ދޫކޮށްފައިވާ ކަމަށެވެ.

24 ގަޑިއިރަށް ބީޗް ބަންދުކޮށްފައިވާ އިރު، އެ ސަރަހައްދު ބެލުމަށް ޑްރޯން ހަރަކާތްތެރިވާނެ ކަމަށާއި އެ މިޔަރުގެ ހަރަކާތްތައް ބެލުމަށްފަހު ބީޗް އަލުން ހުޅުވާނެ ކަމަށް އޮފިޝަލުން ބުންޏެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ހާދިސާ އަކީ އޮސްޓްރޭލިއާގައި މިޔަރުގެ ހަމަލާ ރެކޯޑު ކުރެވުނު ފަސްވަނަ ހަމަލާއެވެ.