ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުގެ ބަޖެޓުން ކުރާ ހަރަދު ކަނޑާލަން، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހަށް އާއްމުންކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބިލްގެ ފުރަތަމަ އިއްވައި މިއަދުން މިއަދަށް މަޖިލީހަށް ބިލް ހުށަހަޅައި، ބިލް މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ވަނީ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފައެވެ.
މި ބިލް ދިރާސާކުރުމަށް ބޭއްވި މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އަންނަ ހޮނިހިދު ދުވަހުގެ 12.00 އާ ހަމައަށް ބިލަށް އާއްމުންގެ ހިޔާލު ހުށަހަޅަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަންދޫހެވެ. ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. އެގޮތަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އެހެންކަމުން ބިލާމެދު އާއްްމުންގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިއުމުން ހުށަހެޅުމާއި މާލިއްޔަތު ކޮމިޓީގެ މެއިލްއަށް މެއިލް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
މި ބިލްގެ މަސައްކަތް ހޮނިހިރު ދުވަހަށް ނިންމައި މަޖިލިސް ތަޅުމަށް ފޮނުވަން ވެސް ކޮމިޓީން ވަނީ ނިންމައިފައެވެ.
ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ، ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދެވެ.
ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ކުރާ ހަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކަށް ކަނޑައަޅާފައިވާ 175،000 ރުފިޔާ ގެ ފައިސާގެ އިނާޔަތާއި އެކަމާ ގުޅޭ އެހެން ކަންކަން ވެސް ކަނޑާލައި އެ ބޭފުޅުން ދައުލަތުގެ އިތުރު މަގާމެއް އަދާކުރައްވާ ނަމަ ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިނުގަންނަވާ ގޮތަށް ކަނޑައަޅަންވެސް މި ބިލްގައި ހިމަނާފައިވެއެވެ.
މި ބިލްގައި ވާގޮތުން ކުރީގެ ރައީސަކު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ އަދި ދައުލަތުގެ އެ ނޫން މަގާމެއް ވެސް އަދާކުރައްވާ ނަމަ އެ މުއްދަތަށް ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގެ 8 ވަނަ މާއްދާގައި ބުނެފައި ވަނީ އެ ބޭފުޅުން މުޖުތަމައަށް ފައިދާހުރި އިޖުތިމާއީ މަސައްކަތެއް ކުރެއްވުމަށްޓަކައި ބޭނުންފުޅުވެއްޖެ ހާލަތެއްގައި މަސައްކަތް ކުރައްވާނެ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންކަން ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 175،000 ރުފިޔާ އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭން ވާނެ ކަމަށެވެ.
ސަރުކާރުން ހުށަހެޅި އިސްލާހުގައި އެ މާއްދާ އުވާލަން ވަނީ ހުށަހަޅައިފައެވެ. އެހެންވެ، ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުން ކުރަންޖެހޭ ހުރިހާ ހަރަދެއް އެ އިސްލާހު ފާސްވެއްޖެ ނަމަ އުވޭނެއެވެ.
ކުރީގެ ރައީސަކު ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވާ ނަމަވެސް ހިމާޔަތާއި ރައްކާތެރިކަން ދިނުން ލާޒިމް ނޫން ކަަމަށް އިސްލާހުގައި ވެ އެވެ. އެކަމަކު އެ ބޭފުޅަކު ރާއްޖެ ވަޑައިގެންފި ނަމަ ހިމާޔަތާއި ރައްކާތެރިކަން ދޭން ވާނެ ކަމަށް ބިލްގައި ބަޔާންކޮށްފައި ވެ އެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކުރައްވާފައިވާ ބޭފުޅަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 50،000 ރުފިޔާ ދައުލަތުން ދޭން ވާނެ ކަމަށެވެ. އަދި އެއް ދައުރަށް ވުރެ ގިނަ ދައުރު އަދާކުރައްވާފައިވާ ބޭފުޅަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 75,000 ދައުލަތުން ދޭން ވާނެ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ދިރިއުޅުއްވާނެ ތަނަކަށް ހިނގާ ހުރިހާ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 50,000 ރުފިޔާ އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭން ވާނެ ކަމަށް ގާނޫނުގައި ވެ އެވެ.
އިބްރާހިމް ޒަކީ
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ
ކުށް