އިސްތިއުނާފީ މައްސަލައެއްގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުގައި އެ މައްސަލައިގެ އަމުރު ނެރުއްވި ފަނޑިޔާރު އިނުމުން، ޝަރީއަތް މެދުކަނޑާލައިފިއެވެ.
މި މައްސަލައަކީ ސެންޓަ އެންޓަ ޕްރައިސަސްއަށް 32 މިލިއަން ރުފިޔާ ދައްކަން ހެލްތު މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުންކުރި ހުކުމެއްގެ އިސްތިއުނާފީ މައްސަލައެކެވެ. ސިވިލް ކޯޓުގެ އެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރުނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމު އަދި ފަނޑިޔާރު މުހައްމަދު ޝަނީޒެވެ.
އެ އަމުރު ނެރުނު ފަހުން ފަނޑިޔާރު ސަލީމް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރައްވައިފައެވެ.
ހެލްތު މިނިސްޓްރީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މި އިސްތިއުނާފީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ފަނޑިޔާރު ސަލީމް ހިމެނެއެވެ. ދެން އެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު އާއިޝާ ޝުޖޫން އަދި ފަނޑިޔާރު އަލީ ރަޝީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސަލީމެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އެ މައްސަަލައިގެ އަޑުއެހުމުގައި ދައުލަތުން ވާހަކަދައްކަވަނިކޮށް ފަނޑިޔާރު ސަލީމް ވަނީ އެ ވާހަކަތައް ހުއްޓުވައި، ފަނޑިޔާރު ޝުޖޫންއާ މަޝްވަރާތަކެއް ކުރައްވައިފައެވެ. އެއަށްފަހު ހަސްމުންނާ އިޝާރަތް ކުރައްވާ ފަނޑިޔާރު ސަލީމް ވިދާޅުވީ އިޖުރާއީ މައްސަލައެއް ދެ ފަރާތުގެ ސަމާލު ކަމަށް ގެންނަވަން ބޭނުންފުޅުވާ ކަމަށެވެ.
ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ މި އިސްތިއުނާފީ މައްސަލައިގެ ބެންޗުގައި ހައިކޯޓުން އެ އަމުރު ނެރުއްވި ފަނޑިޔާރު ހިމެނިވަޑައިގަންނަވާތީ ޝަރީއަތް މިއަދު ނިންމާލާ ކަމަށެވެ. މިއަދުގެ ޝަރީއަތް ނިންމާލީ އެކަމަށް ގޮތެއް ކަނޑައެޅުމުގެ ގޮތުން ކަމަށް ފަނޑިޔާރު ސަލީމް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ސުޕްރީމް ކޯޓް