ދައުލަތުގެ ބަޖެޓުން ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދޭން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް ގެންނަ އިސްލާހު ފާސްވުމުން، އެ އިނާޔަތް ލިބޭނެ ހަމައެކަނި ނައިބު ރައީސްއަކީ، ފައިސަލް ނަސީމެވެ.

ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ މި ބިލްގައި، ކުރީގެ ނައިބު ރައީސުންނަށް، ދައުލަތުގެ ބަޖެޓުން އިނާޔަތުގެ ގޮތުއި ކޮންމެ މަހަކު 25،000 ރުފިޔާދޭން ވަނީ ހިމަނައިފައެވެ.

މިހާރު އަމަލު ކުރަމުންދާ ގާނޫނުގައި ކުރީގެ ނައިބު ރައީސުންގެ ރައްކާތެރިކަމާއި އިނާޔަތުގެ އެއްވެސް ވާހަކައެއް ނޯވެއެވެ.

އަދި ނައިބު ރައީސުންނަށް ވެސް ރާއްޖެއިން ބޭރުންނާއި ރާއްޖެ އިން ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭގޮތަށް ބިލްގައި ވަނީ ހިމަނައިފައެވެ،

ކުރީގެ ރައީސުންނެކޭ އެއްފަދައިން ކުރީގެ ނައިބު ރައީސުން ވެސް ރިޔާސީ އިތުރު ދައުރެއް ފުރިހަމަ ކުރައްވާ ނަމަ ނުވަތަ ދައުލަތުގެ އިތުރު މަގާމެއް އަދާކުރައްވާ ނަމަ ގާނޫނުގައި ބުނާ އިނާޔަތްތައް އެ މުއްދަތަށް މެދުކެނޑޭނެ ކަމަށްވެސް ބިލްގައި ހިމެނެއެވެ.

އެހެންކަމުން އެ އިނާޔާތްތައް ލިބިވަޑައިގަންނަވަނީ މިހާތަނަށް ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސް ފައިސަލަށެވެ.

ފައިސަލް ފިޔަވައި އިތުރު ބޭފުޅެއް، ނައިބު ރައީސްގެ މަގާމު ފަސް އަހަރު ދުވަހުގެ ދައުރެއް އަދާކުރައްވާފައެއް ނުވެއެވެ.

ކުރީގެ ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންކަމަށްވާ މުހައްމަދު ވަހީދު، މުހައްމަދު ވަހީދުއްދީން (ޑީން) އާއި ޑރ. މުހައްމަދު ޖަމީލް އަހުމަދު، އަބްދުﷲ ޖިހާދު އަދި އަހުމަދު އަދީބަށް، ނައިބު ރައީސްގެ ގޮތުގައި ފަސް އަހަރުގެ ދައުރެއް އަދާކުރައްވާފައިނުވެއެވެ.