ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ބޭންކު ލޮކަރުން 10 ކިލޯ ރަން ހޯދައިފިއެވެ.

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ބޭންކު ލޮކަރުން 10 ކިލޯ ރަން ހޯދައިފައި ވަނީ އެގައުމުގެ އެންޓި ކޮރަޕްޝަން އޮތޯރިޓީން ކުރިޔަށް ދިޔަ ތަހުގީގަކުންނެވެ.

އޮފިޝަލުން ވަނީ އިއްޔެ އެގައުމުގެ ބޭންކުގައި ހުންނަ ޝެއިހް ހަސީނާ އަށް ނިސްބަތްވާ ލޮކަރުން ފެނިފައިވާ ރަނުގެ އަގު 1.3 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ބުނެއެވެ.

ބަންގްލަދޭޝްގެ ނެޝަނަލް ބޯޑް އޮފް ރެވެނިއުގެ ސެންޓްރަލް އިންޓެލިޖެންސް ސެލް އިން ކުރިޔަށް ގެންދިޔަ އެތަހުގީގަކީ އެގައުުމުގެ ކޯޓުން ކުރި އަމުރަށް ކުރިއަށް ގެންދާ ތަހުގީގެއް ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

އޮފިޝަލުން ވަނީ ލޮކަރުން ފެނުނު ރަނުގެ ތެރޭގައި ރަށް ފޮއްޗާއި ރަން ބްލޮކްގެ އިތުރުން ރަނުން ހަދާފައިވާ ގަހަނާ ހިމެނޭކަމަށް ބުނެފައެވެ.

ތަހުގީގުކުރާ ޓީމުން ވަނީ ހަސީނާގެ ވެރިކަމުގައި ލިބުނު ގިނަ ހަދިޔާތައް ޑިޕޮސިޓް ވެފައިނުވާ ކަމަށާއި އެތަކެއްޗަށް ވީގޮތެއްވެސް ނޭންގޭކަމަށް ބުނެފައެވެ.