ރާއްޖޭގެ އެކި ސަރަަހައްދުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މެޓުން ބުނެފިއެވެ.

މެޓުން މިއަދު ބުނީ ކުރިއަށް އޮތް ތިން ދުވަހު ވެސް އެކި ހިސާބުތަކައް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. މެޓުން ބުނީ މޫސުން ރަނގަޅުވާން ފަށާނީ އަންނަ ހަފުތާގައި ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓުން ވަނީ ޅ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެެރެފައެވެ. އެ އެލާޓް ނެރެފައިވަނީ 14:30 އިން ފެށިގެން 18:30 އާ ހަމައަށެވެ.

އެ އެލާޓުގައިވަނީ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް އެލާޓުގައިވެއެވެ.

މެޓުންވަނީ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވައިޓް އެލާޓު ނެރެފައެވެ. އެ އެލާޓް ނެރެފައިވަނީ 13:30 އިން ފެށިގެން 18:30 އަށެވެ.