ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަގުފު އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވައިދެއްވައިފި އެވެ.
ހުޅުމާލެ އުރީދޫ ބިލްޑިން ފަހަތުގައި، ދާރުއްސަލާމް ވަގުފު އިމާރާތްކުރަން ހަމަޖެހިފައިވާ ބިމުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ރައީސްގެ އަރިހުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި މިނިސްޓަރުންނާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ އެ އިމާރާތް ކުރިއަށް އޮތް ދެ އަހަރެއްތެރޭ ނިންމުމަށް މަސައްކަތްކުރާނެ ކަމަށެވެ.
ދާރުއްސަލާމް ވަގުފު އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރީ މިމަހުގެ 17 ވަނަ ދުވަހުގައެވެ.
ބާރަ ބުރިއަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަގުފު އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކުރަން ނިންމާފައިވާ އިމާރާތެކެވެ. އެ އިމާރާތުގައި ހާއްސަ ޕާކިން ސަރަހައްދެއް ހިމެނޭނެއެެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މަސައްކަތުގެ ދަށުން ފުރަތަމަ ބުރި ވިޔަފާރި ބޭނުންތަކަށް ދޫކުރާގޮތަށް، ތިން ވަނަ ފަންގިފިލައިން ބާރަވަނަ ފަންގިފިލައަށް ޒަމާނީ އޮފީސްތަކާއި ނަމާދު ކޮޓަރިތަކުގެ އިތުރުން މީޓީން ރޫމް ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ. .
އިމާރާތުގެ ދެވަނަ ފަންގިފިލައިން ފެށިގެން 11 ވަނަ ފަންގިފިލާއާ ހަމައަށް ގިނަ ބޭނުންތަކަށް ބޭނުން ކުރެވޭ ޒަމާނީ ހޯލެއް ހެދުމަށް ހަމަޖެހިފައިވާ އިރު، ރޫފްޓޮޕްއަކީ ހުޅުވާލެވިފައިވާ ޓެރަހެއް ކަމަށާއި އެ އިމާރާތުގައި ޑޭ ކެއާ ސެންޓަރެއް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން އިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާ އިރު، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމު ގާއިމުކުރުމަށް ވެސް ނިންމާފައިވެއެވެ.
20،000 އަކަފޫޓުގެ ބޮޑު ބިމެއްގައި އިމާރާތްކުރަން ނިންމާފައިވާ ދާރުއްސަލާމް ވަގުފު އިމާރާތުގެ މަސައްކަތް ނިންމަން ދީފައިވަނީ 730 ދުވަހެެވެ. އެ މަޝްރޫއުގެ ޖުމުލަ އަގަކީ 244,508,842 (244.5 މިލިއަން) ރުފިޔާއެވެ. އެ މަޝްރޫއު ނިންމުމަށްފަހު ފަސް އަހަރު ދުވަހަށް އިމާރާތުގެ މެއިންޓެނަންސް މަސައްކަތް ވެސް އާރުސީސީން ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް ފައިނޭނިންސްގެ ދަށުން ހަރަދުކުރާ މަޝްރޫއެއް ކަމަށާއި އެ މަޝްރޫއު ނިމުމާއެކު އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
އެ އިމާރާތުން އާމްދަނީގެ ގޮތުގައި އަހަރަކު 52 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާ އިރު، އާމްދަނީގެ 20 އިންސަައްތަ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އާމްދަނީގެ އަނެއް 80 އިންސައްތަ ޖަމާކުރުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ވަގުފު ފަންޑަށެވެ.
އެ މަޝްރޫއަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގައި ވަގުފު ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއެކެވެ.
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ