ފުވައްމުލަކު ސިޓީގެ މޭޔަރުގެ މަގާމަށް، އެ މަގާމުގައި މިހާރު ވެސް ހުންނެވި އިސްމާއިލް ރަފީގު (އިއްސެ) ކުރިމަތިލައްވަން ނިންމަވައި އެކަން އިއުލާން ކުރައްވައިފިއެވެ.

ދެހާސް އެކާވީސް ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލަކުގެ މޭޔަރުގެ މަގާމަށް ވާދަކުރައްވައި އިންތިހާބުވެވަޑައިގެންނެވި އިސްމައީލް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުވައްމުލަކުގެ މޭޔަރަށްވުމުގެ ފުރުސަތު ފުވައްމުލަކު ރައްޔިތުން އޭނާއަށް ދެއްވުމަކީ ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށެވެ.

ފުވައްމުލަކުގެ ސިޓީގެ ކުރިއެރުމަށް ހާސިލް ކުރަންބޭނުންވާ ކަންކަން އަދި ނުނިމޭ ކަމަށާއި ފެށިފައި ހުރި ކަންތައްތައް ހަރުދަނާގޮތަކަށް ކުރިއަށް ގެންދިއުމަށާއި ޕްލޭންކޮށްފައި ހުރި އިތުރު ކަންކަން ފަށައި އެކަންކަން ކުރިއަށް ގެންދަން އަދި އިދާރީ ހިންގުން އިތުރަށް ހަރުދާނާ ކުރުމަށް މޭޔަރުގެ ގޮތުގައި އިތުރު ދައުރެއް ބޭނުންވާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

އެހެންވެ މިއަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އަނެއްކާވެސް މޭޔަރުގެ މަގާމަށް ވާދަކުރައްވާނެ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ ފާއިތުވި ހަތަރު ވަރަކަށް އަހަރުތެރޭ ސިޓީ ކައުންސިލް ހިންގުން ހަރުދަނާ ކުރުމަށާއި އަދި ރަށުގެ ކުރިއެރުމާއި ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާނެ ކަމަށެވެ. އަދި ކުދި އަދި ގެވެށި ވިޔަފާރިތަކުގެ ކުރިއެރުވުމަށް ތަފާތު ޕްރޮގްރާމްތައް ހިންގައި، މައިކްރޯ ފައިނޭންސް ސްކީމެއް ފަށައި، ގްރާންޓް އެހީތައް ހޯދައިދީ، ރަށުގެ އުފެއްދުންތައް ވިއްކައި އިޝްތިހާރު ކުރުމަށް ފުރުސަތުތައް ހުޅުވައިފައިވާނެ ކަމަށް ފިރާގު ވިދާޅުވިއެވެ.

ލޯކަލް ޓޫރިޒަމް ފުވައްމުލަކުގައި ކުރިއެރުވުމުގެ ގޮތުން ފުވައްމުލަކު އިޝްތިހާރު ކުރުމަށް ބޭރުގެ ފެއާތަކުގައި ބައިވެރިވެ، ޑިސްކަވާ ފުވައްމުލައް ވެބްސައިޓް ހިންގަން ފަށައިވާނެ ކަމަށް އިސްމާއިލް ވިދާޅުވިއެވެ. ރަށުގައި ދީނީ ހޭލުންތެރިކަން އިތުރުކުރަން ގިނަ ޕްރޮގްރާމްތައް ހިންގައި، ކުޑަކުދިންނަށް ނަމާދުކުރަން ދަސްކޮށްދީ ނަމާދަށް އަހުލުވެރިކުރުމަށް ނަމާދު ޕްރޮގްރާމް ކުރިއަށް ގެންގޮސް މިސްކިތްތައް މަރާމާތުކޮށް ބަލަހައްޓަން ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތައް ކޮށްފައިވާނެކަން އިސްމާއިލް ފާހަގަކުރެއްވިއެވެ.

ރަށުގައި ކުޅިވަރުކުޅޭނެ ވަސީލަތްތައް ގާއިމުކޮށް، މުބާރާތްތައް ބާއްވައި އަދި ކުޅިވަރު ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރުމުގެ އިތުރުން ހިތްހަމަ ޖައްސާލަން ޕާކުތަކާއި ފަތާފެންގަނޑުތަކާއި ފަންނުތައް ހެދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އަދި މުނިފޫހި ފިލުވުމަށާއި އިޖުތިމާއީ ގުޅުން ބަދަހި ކުރުމަށް ފެސްޓިވަލްތަކާއި ކާނިވާތައް ބާއްވަން ފަށައިފައިވާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

އިދާރީ ހިންގުން ހަރުދަނާކޮށް، މަސައްކަތަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނު ހޯދައިދިނުމަށާއި ރަށްވެހިކަމުގެ ހިދުމަތް ދިނުމުގެ ވައްޓަފާޅިއަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އެގޮތުން ކައުންސިލުން ހިދުމަތް ހޯދައި މުއާމަލާތް ކުރުމަށް އޮންލައިން ވަސީލަތްތައް ތަރައްގީކުރުމާއި ކަސްޓަމާ ފްރޮންޓް އޮފީސް ގާއިމުކުރުން ހިމެނޭ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

ސަރުކާރަކާ ގުޅިގެން، ރަށުގެ ތަރައްގީ އާއި ކުރިއެރުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް މަގުފަހިކޮށްދޭން އަބަދު ވެސް މަސައްކަތް ކުރަމުންދާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އަދި ކުނީގެ މައްސަލައަށް ހައްލުހޯދުމަށާއި ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް އާލާތްތަކާއި ސްކޫލްތަކަށް ކޮމްޕިއުޓާ ސިސްޓަމްތައް ހޯދައިދިނުމަށް މަސައްކަތްކޮށް ބޭރުގެ ޖަމިއްޔާތަކުގެ އެހީގެ ދަށުން އެތަކެތި ލިބިފައިވާކަން އިސްމާއިލް ފާހަގަކުރެއްވިއެވެ.