ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ތިންވަނަ ދައުރު ދަންމާލަން މިއަދު ވޯޓަކަށް އައްސަވަން ނިންމަވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލިސް ގަވާއިދު ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ކުރިއަށް ގެންދަން ޖެހެނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

މިހާރު ކުރިއަށްދަނީ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތަކެވެ.

ނަމަވެސް މަޖިލީހުގައި ނިންމަން ޖެހޭ މުހިއްމު މަސައްކަތްތަކެއް ހުރުމުން ދައުރު ދަންމާލަން ޖެހޭކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުގެ މި ހިނގާ ތިންވަނަ ދައުރު އަންނަ ޑިސެމްބަރުމަހުގެ ހަތަރުވަނަ ދުވަހަށް ދަންމާލުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އައްސަވާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ނިމިދިޔަ ތިންވަ ދައުރުގެ ޖަލްސާތަކުގައިވެސް، މުހިއްމު މަސައްކަތްތަކެއް ވަނީ މަޖިލީހުން ނިންމައިފައެވެ.