އިތިއޯޕިއާގެ އަލިފާން ފަރުބަދައިގެ އަޅި އިންޑިއާއާ ހަމައަށް ފޯރައިފިއެވެެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި، އިތިއޯޕިޔާގެ އަލިފާން ފަރުބަދަ ''ހޭލީ ގުއްބީ'' އަލިފާން ފަރުބަދަ ގޮވާފައިވާއިރު އެ ފަރުބަދައިގެ އަޅި ރަތް ކަނޑު ހުރަސްކޮށް އޮމާނާއި ޔަމަނުގެ މަތީން އިންޑިއާގެ ދިއްލީއާ ހަމައަށް މިހާރު ވަނީ ފޯރައިފައެވެ.

12،000 އަހަރު ފަހުން އިތިއޯޕިއާގެ އަލިފާން ފަރުބަދަ ''ހޭލީ ގުއްބީ'' އާދީއްތަ ދުވަހުގެ ރޭ ގޮވާފައިވާއިރު އެ ފަރުބަދައިގެ އަޅި އިއްޔެއިން ފެށިގެން ބޮޑު ސަރަހައްދަކަށް ވަނީ ފެތުރިފައެވެ.

ރިޕޯޓުތައް ބުނާގޮތުން ފަރުބަދަ ގޮވުމުގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރާ ގިނަ ފްލައިޓުތަކެއް ކެންސަލް ކޮށްފައިވާާއިރު، ބައެއް ފްލައިޓުތައް މަގު ބަދަލުކޮށްފައިވެއެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ފަރުބަދަ ގޮވުމުގެ ސަބަބުން ފެތުރިފައިވާ އަޅީގެ ނުރައްކާ މިންވަރު އަދި ދެނެގަނެވިފައި ނުވާކަމަށް ބުނެފައެވެ. ނަމަވެސް އިންޑިއާގެ ކަމާބެހޭ މާހިރުން ވަނީ އެކަމުގެ ސަބަބުން ދިއްލީގެ ވައި ނުސާފުވުމަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ނުބެލެވޭކަމަށް ބުނެފައެވެ.