ޕާޓީން ވަކިވާ މެންބަރުންނާއި ޕާޓީ ބަދަލުކޮށް، އަދި ޕާޓީއަށް ވަންނަ ކައުންސިލަރުން ވަކިވާގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

އެގޮތަށް އިސްލާހު ހުށަހެޅީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ މެންބަރުންގެ އަދަދު މަދުކުރަން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހަޅައި، ކޮމިޓީގައި މިހާރު ދިރާސާކުރަމުންދާ ބިލަށެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ.

މި ބިލު ދިރާސާކުރަމުންދަނީ އެކަމަށް ހާއްސަކޮށްގެން އެކުލަވައިިލި މަޖިލީހުގެ ވަގުތީ ކޮމިޓީއަކުންނެވެ.

އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ގާނޫނަށް ގެންނަ އިސްލާހެއްގެ ގޮތުގައި ޕާޓީ ބަދަލުކުރާ ކައުންސިލަރުންގެ މަގާމު ގެއްލޭގޮތަށް، ލާމަރުކަޒީ ގާނޫނުގެ 116 ވަނަ މާއްދާއަށް އިސްލާހު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ. ތާއީދު ކުރެއްވީ ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސްއެވެ.

ގާނޫނުގެ 116 ވަނަ މާއްދާގައި ކައުންސިލް މެންބަރުން މަގާމުން ވަކިވާނެ ހަ ގޮތެއް މިހާރުވެސް ވަނީ ކަނޑައަޅައިފައެވެ.

ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ގޮތްތައް:

  • އެމީހަކު މެންބަރުކަމުން ވަކިވާން އެދި ކައުންސިލަށް އެޑްރެސްކޮށް ސިޓީ ފޮނުވުން
  • މަގްބޫލު އުޒުރެއްނެތި ވިދިވިދިގެން ހަތް ޖަލްސާއަށް ހާޒިރުނުވުން. މަގްބޫލު އުޒުރެއްކަމަށް ބެލެވޭނީ ތިމާ ނުވަތަ ބަލަންޖެހޭ މީހަކު ބަލިވެގެން ނުވަތަ މިނޫންވެސް ކައުންސިލުން ގަބޫލުކުރާ ސަބަބެއް މެދުވެރިވުމުން.
  • މެންބަރެއްގެ ކިބައިގައި ހުރުން ގާނޫނު ލާޒިމުކުރާ ސިފައެއް އެ މެންބަރެއްގެ ކިބައިން އުނިވުން.

މަމްދޫހު އިސްލާހު ހުށަހެޅުއްވީ މި މާއްދާއަށް ތިން އަކުރު އިތުރު ކުރުމަށެވެ.

އިތުރު ކުރަން ހުށަހެޅި އިސްލާހުތައް:

  • ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުވުމަށްފަހު، އިންތިހާބުވި ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީން އަމިއްލައަށް ވަކިވާން ހުށަހަޅައި އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވުން
  • ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށް ކައުންސިލަށް އިންތިހާބުވުމަށްފަހު އެ އިންތިހާބުގެ ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވުން
  • އަމިއްލަގޮތުން ކައުންސިލަށް އިންތިހާބުވުމަށްފަހު އިންތިހާބީ ދައުުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވުން

މި އިސްލާހު ބިލުގައި ހިމަނަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.