އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ މަގުސަދެއް ނޫން ކަމަށާއި މީހެއްގެ ޒާތީ މައުލޫމާތު ހާމަކުރެވިފައި ވާނަމަ އެކަމަށް މާފަށް އެދޭކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ހިޔާލުފާޅުކުރަން ދިން ފުރުސަތުގައި ފަސް ކުދިން ބަލަމުން ދިޔަ އެކަނިވެރި އަންހެނަކުވަނީ ވާހަކަ ދައްކައިފައެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާގެ އެކައުންޓުގައި ފައިސާ ދައުރުވުމުގެ ސަބަބުން ޒަކާތު ފައިސާއަށް ޝަރުތު ހަމަވެފައެެއް ނުވެއެވެ. އޭނާ ބުނެފައިވަނީ އެކައުންޓުގައި ފައިސާ ދައުރުވެފައިވަނީ ބަލި ދަރިފުޅު ގޮވައިގެން އިންޑިއާއަށް ދިއުމަށް އާންމުންގެ ފަރާތުން އެހީތެރިކަން ލިބިފައިވާތީއާއި ހަތަރުވަރަކަށް މަސް ކުރީން ވަޒީފާއެއް ލިބުމުގެ ސަބަބުން ކަމަށެވެ.
އޭނާގެ ވާހަކަތަކަށް ރައްދު ދެއްވައި ޝަހީމް އިއްޔެ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ އަންހެން މީހާ އެހީއަށް އެދުމުން ޒަކާތު ފަންޑުން އޭނާއަށް 15،500 ރުފިޔާ ދީފައިވާ ކަމަށެވެ. އަދި އެކަނިވެރިމައިންގެ ފައިސާ އާއި އޭނާގެ މުސާރައާއެކު އޭނާއަށް މަހަކު 22،000 ރުފިޔާއަށްވުރެ ގިނައިން ލިބޭ ކަމަށެވެ. އެހެންވެ އޭނާ ފަގީރުންގެ ދަފުތަރަށް ނާރާނެ ކަމަށާއި އޭނާގެ އެކައުންޓުގައި 75،000 ރުފިޔާ އެބަހުރި ކަމަށެވެ.
އެ އަންހެން މީހާގެ ބޭންކު އެކައުންޓުގެ މައުލޫމާތު ޝަހީމް ހާމަކުރެއްވުމުން ގިނަބަޔަކު ވަނީ އެކަމަށް ފާޑު ކިޔައިފައެވެ. ޝަހީމް މިހާރު ވަނީ އެ ޕޯސްޓް ޑިލީޓްކުރައްވައިފައެވެ.
އެފަހުން ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އަންހެން މީހާގެ ބޭންކު އެކައުންޓުގެ މުއާމަލާތްތައް ހާމަކުރީ އެ އަންހެން މީހާ ހަގީގަތް އޮޅޭފަދަ ގޮތަކަށް ވާހަކަ ދެއްކުމުގެ ސަބަބުން ޒަކާތާ ގުޅޭ ސައްހަ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
"އަޅުގަނޑު އެބޭފުޅާގެ އިންސާނީ ޝުއޫރަށް ނުހަނު މަތީ ދަރަޖައަށް އިހުތިރާމްކުރަން. އަޅުގަނޑު އެކަމާ ގުޅިގެން ދެންނެވި ވާހަކައިން މި ނޫން މާނައެއް ނެގުނު ނަމަ، ނުވަތަ އެފަރާތުގެ ޒާތީ މައުލޫމާތު ހާމަކުރެވުނުކަމަށް ވާނަމަ، އެކަމަށް ނިހާޔަތަށް މައާފަށް އެދެން" ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ޒަކާތު ހައުސްއިން އެއްވެސް ދިވެހި ރައްޔިތަކާމެދު ދެރަކަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. ރާއްޖޭގެ އެތައް ހާސް ރައްޔިތުން ޒަކާތު ފަންޑާ ހަވާލުކުރާ އެތައް މިލިއަން ރުފިޔާގެ އަމާނާތް އެތަނުން އަދާކުރަމުން އަންނަނީ އަދުލުވެރިކަމާއި އިންސާފުން އަދި އިސްލާމީ ޝަރީއަތުގައިވާގޮތުގެ މަތީންކަން ކަށަވަރުކޮށްދޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފަގީރުންގެ ދަފުތަރުގައި ހިމަނަނީ އެކަމަށް ޝަރުއީ ގޮތުން ޝަރުތު ފުރިހަމަވާ ހައްގު މީހުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖޭގައި ޒަކާތުގެ ނިޒާމު ހިންގަން ތިއްބެވި މުވައްޒަފުން ކަންކަން ކުރަނީ ތެދުވެރިކަމާއެކު ކަމަށެވެ.
އެމީހަކު ހުށަހަޅާ ޑޮކިއުމަންޓްތަކަށް ބަލައި، ރާއްޖޭގައި ކަނޑައަޅާފައި ހުންނަ އުސޫލުތަކުން ފަގީރުންގެ ދަފްތަރުގެ މިންގަނޑަށް ނުފެތޭ ނަމަ ނުހިމަނައި، ޒަކާތު ހައުސްގެ މުވައްޒަފުން އަންގާނެކަމަށް ޝަހީމް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު