ޕޭ ހާމަނައިޒް ކުރުމުގެ ސިޔާސަތުގެ ދަށުން ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ގެނައި ކުރިއެރުން ފެންނަން ފަށާނީ އަންނަ ޑިސެމްބަރުމަހު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބުނީ ހާޒިރީއަށް ބަލައިގެން މުވައްޒަފުންނަށް ދެމުން އަންނަ އެލަވަންސްތަކާއި އިނާޔަތްތައް ހިސާބު ކުރަމުން އަންނަ އުސޫލަކީ ވޭތުވެދިޔަ މަހުގެ 16 އިން ހިނގާ މަހުގެ 15ގެ ނިޔަލަށް ކަމަށެވެ.
އެހެންކަމުން ނޮވެންބަރު މަހުގެ މުސާރަ ލިބޭއިރު މުވައްޒަފުންނަށް ލިބޭނީ ޕޭ ފްރޭމްވޯކްގެ ދަށުން މަގާމުތަކަށް ކަނޑައަޅާފައިވާ އެލަވަންސްތަކާއި އިނާޔަތްތަކުގެ އެއްބައި ކަމަށާއި ބޮޑުކުރި މުސާރަ ލިބެން ފަށާނީ ޑިސެމްބަރު މަސް ނިމޭއިރުކަމަށް މިނިސްޓްރީން ބުންޏެވެ.
އެއަށްފަހުވެސް އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަވާ ނަމަ، ކުޑަވާބައި ހަމަޖެއްސުމަށް ޕޭ ކޮމިޝަނުން ތައާރަފުކޮށްފައިވާ "މައިގްރޭޝަން އެލަވަންސް ދޭނެ ގޮތުގެ މިންގަނޑު" އާ އެއްގޮތަށް މައިގްރޭޝަން އެލަވަންސް އެ މުވައްޒަފަކަށް ލިބިގެންދާނެކަމަށް ފިނޭންސުން ބުންޏެވެ.
ފިނޭންސުން ބުނީ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައިވަނީ، ދައުލަތުގެ އިދާރާތަކުން މުވައްޒަފުންނަށް ވަކި މިންވަރެއްގެ ޖުމްލަ އުޖޫރައެއް ދިނުމުގެ ގޮތުން ގިނަ ވަގުތު އިތުރުގަޑީގެ ފައިސާ ދެވޭގޮތަށް އޮތް ނިޒާމު ބަދަލުކޮށް، މަސައްކަތު ގަޑީގެ ބޭނުން ފުރިހަމަގޮތުގައި ހިފުމުގެ އާދަ އަށަގެންނެވުމަށް ކަމަށެވެ.
އޭގެ ސަބަބުން މުވައްޒަފުންގެ ވަޒީފާގެ ދިރިއުޅުމާއި އަމިއްލަ ދިރިއުޅުން ބެލެންސް ކުރުމަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓްރީން ބުންޏެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް