ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރަ ގަދަވުމާ ގުޅިގެން މިއަދު މެންދުރު ފަހުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހަށް އެކި ހިސާބުތަކަށް ވިއްސާރަކޮށް، ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މެޓުން ބުނެފިއެވެ.

މެޓުން މިއަދު ނެރުނު މޫސުމީ ސަމާލުގައި ބުނީ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށްވެސް ބުންޏެވެ.

ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން ބުންޏެވެ.

މެންދުރުން ފަހުން ފެށިގެން މޫސުން ގޯސްވާނެކަމަށް މެޓުން ލަފާކުރާއިރު ހއ. ފެށިގެން އދ. އަތޮޅުގެ ރަށްތަކަށް މެޓު އޮފީހުންވަނީ ރީނދޫ ސަމާލު ނެރެފައެވެ.

މިއަދުން ފެށިގެން މޫސުން ގޯސްވާން ފަށާނެ ކަމަށް މެޓުން ވަނީ މިދިޔަ ހަފުތާގައި ބުނެފައެވެ.