މީގެ 10 އަހަރު ކުރީން 23 އޮގަސްޓް 2014 ގައި ތޫނު އެއްޗަކުން ހަމަލާދީ މަރައިލި އަސީލް އަހުމަދު، މަރުގެ މައްސަލައާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް އަލުން ހުކުމްކުރުމަށް ކުރިމިނަލް ކޯޓަށް ތަހުވީލުކުރުމަށް ހައިކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ އަހުމަދު ނިމްޝާދު، އަހުމަދު ސިރުހާން ޖައުފަރު، އިސްމާއިލް ރިފާއު، އިހުސާން ރަޝީދު އަދި ހަސަން އިސާމް މުހައްމަދު މައްޗަށެވެ.
އެ މީހުންގެ މައްޗަށް އެ ދައުވާ ކުރީ މި މައްސަލައިގައި މަރުވި އަސީލުގެ އިތުރުން ދެ މީހަކު ދިދިގޯޅީގައި ހުންނަ އަގޯރާ އެކްސްޕްރެސް ފިހާރަ ކުރިމަތީގައި ތިއްބައި، ދައުވާ ރައްދުވާ ފަރާތްތަކުން އެތަނަށް ގޮސް ތޫނު އެއްޗަަކަށް ހަމަލާ ދިނުމުގެ ސަބަބުންނެވެ. އެ މާރާމާރީގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުންދަނިކޮށް އަސީލްވަނީ މަރުވެފައެވެ.
ކުރިމިނަލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ހުކުމްކޮށްފައިވަނީ ދައުލަތުން މި މައްސަލައިގައި ދައުވާގައި ބަޔާންކުރާ ފަދަ ޓެރަރިޒަމްގެ އަމަލެއް ދައުވާ ލިބޭ ފަރާތްތަކުން ކޮށްފައިވާކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ނުވާތީ، ދައުވާ ސާބިތު ނުވާ ކަމަށެވެ.
ކުރިމިނަލް ކޯޓުގެ އެ ހުކުމް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށް އެދިފައިވަނީ މި މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކަށް ކުރިމިނަލް ކޯޓުން ރިއާޔަތްކޮށްފައި ނުވާތީ އެކަން ބެލުމަށްފަހު، މި މައްސަލަ ކުރިމިނަލް ކޯޓަށް ތަހުވީލު ކުރުމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެދިފައިވަނީ މި މައްސަލައިގައި އަލުން ގޮތެއް ކަނޑައަޅަން ނުޖެހޭ ކަމަށް ކަނޑައަޅައިދިނުމަށެވެ. މިއީ އިސްތިއުނާފު ކުރުމުގެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ހުށަހަޅާފައިވާ މައްސަލައެއްކަމަށް ކަނޑައަޅައިދިނުމަށެވެ.
ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ މައްސަލައިގެ ރައުޔުގައި ވިދާޅުވީ މި މައްސަލައަކީ، އިސްތިއުނާފަށް ހުށަހެޅުމުގެ މުއްދަތު ހަމަވިފަހުން ހުށަހަޅައިގެން ކުރިއަށް ގެންދާ މައްސަލައެއްކަމަށް ބަޔާން ކޮށް، މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެދިފައިވާ ކަމަށެވެ.
ނަމަވެސް ފަނޑިޔާރު ވިދާޅުވީ މި މައްސަލައަކީ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހައިކޯޓަށް ހުށަހެޅި އަދި އިސްތިއުނާފު ކުރުމުގެ ހުއްދަ ދެވިގެން ކުރިއަށް ގެންދާ މައްސަލައެއް ކަމަށެވެ. އެހެންވެ އިސްތިއުނާފީ މުއްދަތު ފަހަނައަޅައި ގޮސްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާ ގުޅިގެން މައްސަލަ ކުރިއަށް ގެންދަން ނުޖެހޭ ސަަބަބެއް ނެތް ކަމަށެވެ.
ފަނޑިޔާރު ވިދާޅުވީ މި މައްސަލައިގެ ތެރެއިން ދައުލަތުން ވަނީ އިސްތިއުނާފީ ތިން ނުކުތާއެއް އަނބުރާ ގެންގޮސްފައި ކަމަށެވެ. ދައުލަތުން އެގޮތަށް އެދުމުން އެ ނުކުތާތައް އަނބުރާ ގެންދިޔުމުގެ ފުރުސަތު ދީފައި ވާނެކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ދެންހުރި އިސްތިއުނާފީ ނުކުތާތަކައް ރައްދު ދިނުމުގެ ފުރުސަތު ދައުވާ ރައްދުވާ ފަރާތްތަކަށް ދީފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން މި މައްސަލައިގައި ގޮތެއް ކަނޑައަޅަން ޖެހެނީ ހެކިގަރީނާއަށް ރިއާޔަތް ނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބަޔާންކޮށްފައިވާ ނުކުތާއާއި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތު ކުރުމަށް ބޭނުންވާ ހެކި ލިބިފައި ވަނިކޮށް އެ މާއްދާއާ ހިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނާ ނުކުތާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ދައުލަތުން ވިދާޅުވެފައިވަނީ މައްސަލަ ދަށުކޯޓުން ނިންމުމުގައި، މައްސަލައިގައި ހުށަހަޅާފައިވާ އެންމެހާ ހެކި ގަރީނާއަށް ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ. އެގޮތުން ހެކީންގެ ހެކިބަހުން ދެނެގަނެވެން ހުރި ކަންކަމަކީ ކޮބައިކަން ފޯމުގައި ބަޔާންކޮށްފައިވާނެކަން ދައުލަތުން ފާހަގަކުރެއްވިއެވެ.
ނަމަވެސް ފަނޑިޔާރު ވިދާޅުވީ މި ނުކުތާގެ މައިގަނޑު މައުލޫއަކީ ހެކިތަކަށް ރިއާޔަތްކޮށްފައި ނުވުން ކަމަށެވެ. އެހެންކަމުން މި މައްސަލައިގެ ހެކިތަކަށް ރިއާޔަތް ކޮށްފައިވާ ގޮތަށް ބެލުމަށްވުރެ، ރަނގަޅު ވާނީ ހެކިތަކަށް ރިއާޔަތްކޮށްފައިވޭތޯ ބެލުން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ކުރިމިނަލް ކޯޓުގެ ހުކުމުގައި ހެކިންގެ ހެކިބަހާއި ދައުލަތާއި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދެއްކި ވާހަކަތަކުގެ އަލީގައި ފާހަގަ ކުރެވުނު ކަންކަން ބަޔާންކޮށްފައިވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ނަމަވެސް ވަކިވަކި ހެކިތަކުން ނުވަތަ އެއް ހެކި އަނެއް ހެއްކާ ގުޅުވާލުމުން ދެނެގަނެވުނު ނަތީޖާއެއް ބަޔާންކޮށްފައި ނުވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ހެކިބަހުގައި ހުރި ތަފާތުތަކަކީ ކޮބައިކަމެއްވެސް ދަށު ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައި ނުވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. މީގެ އިތުރުން ހެކިބަހުގައި ފުށުއެރުންތަކެއް ހުރިނަމަ ހެކިބަސް ފުށުއެރީ ކޮން ހެކިންތަކެއްގެ ހެކިބަސްތަކެއްގެ ސަބަބުންކަން ބަޔާންކޮށްފައި ނުވާ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.
ދައުވާ ސާބިތު ވާނީ އިތުރު ހެކި ހުށަހަޅައިގެންނާއި ސާފު ހެކި ބަހެއް ހުށަހަޅައިގެންކަމަށް ދަށު ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާއިރު އެ ނަތީޖާއަށް ވާސިލުވި ގޮތެއް އެ ހުކުމުގައި ބަޔާންކޮށްފައި ނެތްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
"(ދަށު ކޯޓުން) ރިއާޔަތްކޮށްފައިވަނީ ކޮން ހެކިތަކަކަށްކަމެއް، ރިއާޔަތް ނުކުރަނީ ކޮންހެކިތަކަކަށްކަމެއް، އަދި އެފަދައިން ނިންމާފައިވަނީ ކީއްވެކަމެއް، އަދި ވަކިވަކި ހެކިތަކުން ފަނޑިޔާރަށް ދެނެގަނެވުނު ނަތީޖާއެއް ނުވަތަ ފުށުއެރުންތަކެއް ހުރިކަމަށް ފަނޑިޔާރު ދެކޭ ސަބަބުތަކަކީ ކޮބައިކަންވެސް ނޭނގެއެވެ" ފަނޑިޔާރު ޝަނީޒް ވިދާޅުވިއެވެ.
ހެކި ގަރީނާއަށް ރިއާޔަތް ނުކޮށް މައްސަލަ ނިންމާފައިވާކަމުގެ މައްޗަށް މަތީ މަރުހަލާއިން މައްސަލަ ނިންމާ ހާލަތުގައި އާންމު އުސޫލަކުން އެ މައްސަލައެއް ދަށު ކޯޓަށް ތަހުވީލު ކުރާނެކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އެކަންކަން ފާހަގަކުރައްވައި ފަނޑިޔާރު ޝަނީޒް ރައުޔު ކަނޑައެޅުއްވީ މި މައްސަލައިގައި ހުށަހަޅައިފައިވާ އިސްތިއުނާފީ ނުކުތާތަކުގެ އަލީގައި، ދަށު ކޯޓުން މި މައްސަލަ ނިންމުމުގައި ހެކި ގަރީނާތަކަށް ރިއާޔަތް ކޮށްފައި ނުވާކަމަށް ބުރަވެވޭ ކަމަށެވެ. އެހެންވެ މި މައްސަލަ އަލުން ދަށު ކޯޓަށް ތަހުވީލުކުރަން ޖެހޭ ކަމަށެވެ.
މި މައްސަލަ ތަހުވީލުކުރުމުން، މި މައްސަލައަކީ ހެކިބަސް ނަގައި ނިމިފައިވާ މައްސަލައެއް ކަމުގައި ބަލައިގެން، އެ ހެކިތައް ވަޒަންކޮށް މައްސަލައިގައި އަލުން ހުކުމް ކުރުމަށް އެންގުމަށެވެ.
އެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ހަސަން ޝަފީއު ވަނީ ތާއީދު ކުރައްވައިފައެވެ.
އެހެންވެ މި މައްސަލައިގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ފަނޑިޔާރު ޝަނީޒް ވިދާޅުވީ ކުރިމިނަލް ކޯޓުގެ ހުކުމް ބާތިލުކޮށް، މި މައްސަލައަކީ ހެކިބަސް ނަގައި ނިމިފައިވާ މައްސަލައެއް ކަމުގައި ބަލައިގެން އެ ހެކިތައް ވަޒަންކޮށް މައްސަލައިގައި އަލުން ހުކުމް ކުރިމިނަލް ކޯޓަށް ތަހުވީލުކުރާ ކަމަށެވެ.
މި މައްސަލައިގައި ހިމެނޭ 18 އަހަރުން ދަށުގެ ދެ ކުއްޖަކުގެ މައްޗަށްވެސް ކުށް ސާބިތުވާކަމަށް 2016 ވަނަ އަހަރު ޖުވެނައިލް ކޯޓުންވަނީ ހުކުމްކޮށްފައެވެ. އޭގެ ތެރެއިން އެއް ކުއްޖެއްގެ ޖަލު ހުކުމް 2020 ވަނަ އަހަރު ހައިކޯޓުންވަނީ ދަމަަހައްޓައިފައެވެ.
މުހައްމަދު އިޝާން
ހައިކޯޓު
ހައިކޯޓު
ހައިކޯޓު