އާމިން އުމަރު މޫސާ، ފުރަތަމަ ފަހަރަށް ގައުމީ ބޮޑީބޯޑިން ލީގުގެ އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މީގެ ކުރިން 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ގައުމީ ޖޫނިއާ ޗެމްޕިއަންކަން ހޯދި އާމިން މިފަހަރުގެ ލީގު ކާމިޔާބުކުރީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ ދެމުބާރާތް ކަމަށްވާ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖާއި ލަބެރާ ބޮޑީބޯޑިން ޗެލެންޖްގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އާމިންއަށް ގެއްލުނީ މިއަދު ނިމިގެން ދިޔަ، ބަނޑުފިލާ ޗެލެންޖް، އޯޕަން ބައިގެ ޗެމްޕިއަންކަން އެކަންޏެވެ.

އާމިންއާ ލީގަށް އެންމެ ވާދަކުރީ ތިން މުބާރާތުގެ އޯޕަން ބައިގެ ފައިނަލުގައިވެސް ވާދަކުރި ބޮޑީބޯޑިން ލެެޖެންޑް، އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ)އެވެ.

އާމިން ބަނޑުފިލާ ޗެލެންޖްގެ އޯޕަން ބައިން ކެޓީ ސެމީއާ ހަމައިންނެވެ. އެ މުބާރާތް ކާމިޔާބުކުރީ އަޝްރަފް ހަސަނެވެ.

embed-article:https://oneonline.mv/113942

މިފަހަރު ލީގުގެ ޖޫނިއާ ޗެމްޕިއަނަކީ ބަނޑުފިލާ ޗެލެންޖްގެވެސް ޖޫނިއާ ޗެމްޕިއަން އިޔަން އަހުމަދެވެ. އިޔަން މިދިޔަ އަހަރު ބަނޑުފިލާ ޗެލެންޖްގެ އޯޕަން ބައި ކާމިޔާބުކޮށް ތާރީހު ލިޔެލާފައިވާ އިރު، މިދިޔަ އަހަރު އޭނާއަށް ޖޫނިއާ ލީގު ގެއްލުނެވެ. އެއީ އަޒާން ކައިރިންނެވެ.

ޖޫނިއާ ޗެމްޕިއަންކަން އިޔަން ހޯދި އިރު، މިއަދު ނިމުނު ޑްރޮޕްނީ ކެޓަގަރީގެ ޗެމްޕިއަންކަން އަނެއްކާވެސް ހޯދީ ކުޑަ އައްޔައެވެ. ފައިނަލުގައި ވާދަކުރީ އާމިންއާ ދެކޮޅަށެވެ.

ބަނޑުފިލާ ޗެލެންޖް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ގައުމީ ބަނޑުފިލާ ޗެލެންޖުގެ މާސްޓާސް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އިބްރާހިމް ޝިމަންއެވެ. ބަނޑުފިލާ ޗެލެންޖާއި ލީގު ނިމުން މިއަދު ބާއްވާފައިވާ އިރު، އިވެންޓް ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު (ރާއްޕެ) އެވެ.