މިއަހަރު ދައުލަތުގެ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީ 33.2 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން ސަރުކާރުން މުސާރަތައް އެއްހަމަކޮށްފައިވާ އިރު، މިމަހުގެ 13 ގެ ނިޔަލަށް އާމްދަނީގެ ކުރިއެރުން ދެމެހެއްޓެނިވި ގޮތެއްގައި ވަނީ ހިފެހެއްޓިފައެވެ.
ފިނޭންސް އިން ބުނީ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 33.2 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، އެއީ ކުރީ އަހަރުގެ 30.3 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 9.9 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ. ޓެކްސްގެ ގޮތުގައި ލިބުނު ޖުމުލަ އާމްދަނީ 7.7 އިންސައްތަ އިތުރުވެ 24.8 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، މުދަލާއި ހިދުމަތުގެ ޓެކްސް ނުވަތަ ޖީއެސްޓީ 11.5 އިންސައްތަ އިތުރުވެ 13.5 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސުން ބުންޏެވެ.
އޭގެ ތެރެއިން މިއަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓޫރިޒަމް ޖީއެސްޓީ ނުވަތަ ޓީޖީއެސްޓީ ރޭޓު 17 ޕަސަންޓަށް ބޮޑުކޮށްފައިވާތީ 13.7 އިންސައްތަ އިތުރުވެ 9.0 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. ގްރީން ޓެކްސް 108 އިންސައްތަ އިތުރުވެ 1.9 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، އެއާޕޯޓް ސާވިސް ޗާޖަސް އަދި ޑިޕާޗާ ޓެކްސް 60.2 އިންސައްތަ އިތުރުވެ 1.5 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސުން ބުންޏެވެ.
ރިޕޯޓުގައިވާ ގޮތުން ޓެކްސް ނޫން އާމްދަނީ 22.1 އިންސައްތަ އިތުރުވެ 8.2 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، އޭގެ ތެރެއިން އެކިއެކި ހިދުމަތަށް ނެގޭ ފީގެ ގޮތުގައި ލިބޭ އާމްދަނީ 60.3 އިންސައްތަ އިތުރުވެ 3.7 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. އެ އިތުރުވުމުގެ ބޮޑުބައެއް ހިއްސާކުރަނީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިހާތަނަށް 1.6 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ 60.4 އިންސައްތައިގެ އިތުރުވުމެއް ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ފިނޭންސުން ބުނީ ޖުމުލަ ހަރަދު 34.1 ބިލިއަން ރުފިޔާގައި ހުރި އިރު، އެއީ ކުރީ އަހަރުގެ 39.4 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 13.5 އިންސައްތައިގެ ދަށްވުމެއް ކަމަށާއި ސަރުކާރު ހިންގުމުގެ ހަރަދުތައް 10.7 އިންސައްތައިން ދަށްކޮށް މިދިޔަ އަހަރާ އަޅައިބަލާއިރު ދެ ބިލިއަން ރުފިޔާއިން ހަރަދުތައް ކުޑަކޮށްފައިވާ ކަމަށެވެ.
އެގޮތުން، ސަރުކާރުން ދޭ އެހީ އިޝްތިރާކާއި ސަބްސިޑީސްއަށް ކުރާ ހަރަދުތައް ކުރީ އަހަރާ އަޅައިބަލާއިރު ހަތަރު އިންސައްތައިން ކުޑަކޮށްފައިވާ ކަމަށާއި އަދި ވަކިން ހާއްސަކޮށް ސަބްސިޑީއަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ އިތުރު ނަމަވެސް، އެ ބަޔަށް ހިނގާފައިވާ ހަރަދުތައް ފާއިތުވި އަހަރާ އަޅައިބަލާއިރު 11.1 އިންސައްތަ ދަށް ކަމަށް ފިނޭންސުން ބުންޏެވެ.
ފިނޭންސުން ބުނީ ސަބްސިޑީއަށް ހިނގާފައިވާ ހަރަދުތައް ދަށްވި މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ދަށްވެފައިވުމުން ކަމަށާއި އޭގެ އިތުރުން ފައިނޭންސިން އަދި އިންޓަރެސްޓްގެ ހަރަދުތައް 5.7 އިންސައްތަ ދަށްވެ ހަތަރު ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. މިދިޔަ ހަފުތާގައި ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު އިތުރުވުމެއް އައިސްފައިވަނީ ސަބްސިޑީތަކަށް ކުރާ ހަރަދުތަކަށް ކަމަށް ފިނޭންސުން ބުންޏެވެ.
ކެޕިޓަލް ހަރަދުގެ ޖުމުލަ 4.9 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، އެއީ ކުރީ އަހަރުގެ 10.5 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 53.9 އިންސައްތައިގެ ދަށްވުމެއް ކަމަށާއި އެ ދަށްވުމުގެ މައިގަނޑު ސަބަބަކީ މަޝްރޫއުތަކަށް ހިނގާ ހަރަދުތައް ކޮންޓްރޯލުކޮށް މަޝްރޫއުތައް ކޮންޓްރެކްޓާ ފައިނޭންސިން ފަދަ އުސޫލުތަކުގެ ދަށުން މަޝްރޫއުތައް ހިންގަން ފަށާފައިވާތީ ކަމަށް ފިނޭންސުން ބުންޏެވެ.
ފިނޭންސްގެ ރިޕޯޓުގައިވާ ގޮތުން މިއަހަރު ފެށުނީއްސުރެ މިހާތަނަށް، ޕީއެސްއައިޕީގެ ހަރަދުތައް 6.9 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، ކުރީ އަހަރުގެ 9.3 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު އެއީ 25.6 އިންސައްތައިގެ ދަށްވުމެކެވެ.
ޕީއެސްއައިޕީގެ އެންމެ ބޮޑު ބައެއް ހަރަދުކުރެވިފައިވަނީ ދަތުރުފަތުރުގެ ދާއިރާއަށް ކަމަށްވާ އިރު، އެއީ 4.3 ބިލިއަން ރުފިޔާއެވެ. ވައިގެ ބަނދަރުތަކުގެ އިންވެސްޓްމަންޓް 10.5 އިންސައްތަ އިތުރުވެ 3.2 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، ބުރިޖު އެޅުމަށް 846.7 މިލިއަން ރުފިޔާ އަދި ބަނދަރު ހެދުމަށް 309.4 މިލިއަން ރުފިޔާ ހަރަދުކުރެވިފައިވާ ކަމަށް ފިނޭންސުން ބުންޏެވެ.
ފިނޭންސުން ބުނީ މިއަހަރު ފެށުނީއްސުރެ މިހާތަނަށް އޯވަރޯލް ބެލެންސް ސާޕްލަސް ނުވަތަ އަރަނިކޮށް ހުރުމަށްފަހު، މިދިޔަ މަހުގެ ފަހު ހަފުތާގައި ޑެފިސިޓްވެފައިވާ އިރު، މިމަހުގެ 13 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓު އޯވަރޯލް ޑެފިސިޓް ހުރީ 807.3 މިލިއަން ރުފިޔާގައި ކަމަށެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިކޯޑުކުރެވުނު 9.1 ބިލިއަން ރުފިޔާގެ ޑެފިސިޓާ އަޅައިބަލާ އިރު، 91.1 އިންސައްތައިގެ ދަށްވުމެއް ކަމަށް ފިނޭންސުން ބުންޏެވެ.
"މި ކުރިއެރުން ހާސިލުވެފައިވަނީ އިގުތިސާދީ ކުރިއެރުމާއި އާމްދަނީގެ ފިޔަވަޅުތަކާއެކު އާމްދަނީ އިތުރުވެފައިވާތީއާއި ހަރަދުތައް ކޮންޓްރޯލްކުރުމުގައި ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އަޅާފައިވާތީއެވެ. މި މުއްދަތުގައި އޯވަރޯލް ބެލެންސް ޑެފިސިޓްކޮށް ހުރި ނަމަވެސް، ޕްރައިމަރީ ބެލެންސް 3.2 ބިލިއަން ރުފިޔާއިން ސާޕްލަސް ވެފައިވެއެވެ..،" ފިނޭންސުން ބުންޏެވެ.
ފިނޭންސުން ބުނީ މިމަހުގެ ހަ ވަނަ ދުވަހު ސަރުކާރުން 53 އަމިއްލަ ކުންފުންޏަކާއެކު 206 ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން ނުވަ ދާއިރާއެއްގައި ކޮންޓްރެކްޓަރުން ފައިނޭންސްކުރާ އުސޫލުން ވަސީލަތްތައް ތަރައްގީކުރުމުގެ މަޝްރޫއުތައް ތަންފީޒުކުރެވޭނެ ކަމަށެވެ.
"މި ޕްރޮގްރާމުގެ ސަބަބުން އިސްކަންދޭ އިންވެސްޓްމަންޓްތަކަށް އަމިއްލަ ފަރާތްތަކުގެ ރައުސުލްމާލާއި ތަޖުރިބާ ބޭނުންކުރެވޭނެއެވެ. އަދި މިގޮތުން މަޝްރޫއުތައް ހިންގުމަށް ބަޖެޓަށް ބަރޯސާނުވެ، މުހިންމު ހިދުމަތްތަކަށް ބަޖެޓުގައި ޖާގަ ހިފެހެއްޓޭނެއެވެ..،" ފިނޭންސުން ބުންޏެވެ.
ފިނޭންސުން އިތުރަށް ބުނީ މިމަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ މުސާރަތައް އެއްހަމަކުރުމުގެ ސިޔާސަތުން، ދައުލަތުގެ ހިދުމަތުގައި ހަމަހަމަ އަދި އަދުލުވެރި އޮނިގަނޑެއް ވަރުގަދަކޮށްދޭނެ ކަމަށާއި އެ ސިޔާސަތާއެކު ހަރަދުތައް ކޮންޓްރޯލުކުރުމާއި ކެޕިޓަލް މަޝްރޫއުތައް ފަރުމާކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި އާމްދަނީ ކުރީ އަހަރަށްވުރެ ރަނގަޅުވަމުންދާ އިރު، ކެޕިޓަލް ހަރަދުތައް އިތުރަށް އަމާޒުކުރެވެމުންދަނީ ކުރިއެރުމަށް މުހިންމު ވަސީލަތްތަކަށް ކަމަށް ފިނޭންސުން ބުންޏެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް