ފިކުރީ ހައްދުފަހަނައެޅުމުގެ އަލާމާތްތަކާއި އޭގެ ނުރައްކާތަކާ ގުޅޭގޮތުން ބޭއްވި ތަމްރީނު ޕްރޮގްރާމް ނިންމާލައިފިއެވެ.

މިއީ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަނުން (އައިއެމްސީޓީސީ)އިން ހަރުކަށިކަމާ ދެކޮޅަށް މަސއްކަތްކުރާ ގައުމީ ފަރާތްތަކުގެ ގާބިލިއްޔަތުކަން ކުރިއަރުވައި، ފިކުރީ ސަލާމަތްތެރިކަން ވަރުގަދަކުރުމަށް އަމާޒުކޮށް އެ ކޯލިޝަންގެ އިސްތިރާޖީ އިސްނެގުމުގެ މަތިން "ޕްރިވެންޝަން" ގެ ނަމުގައި ބޭއްވި ތަމްރީނު ޕްރޮގްރާމެކެވެ.

މި ތަމްރީނު ޕްރޮގްރާމުގެ ތެރެއިން "ފިކުރީ ހައްދުފަހަނައެޅުމުގެ އަލާމާތްތަކާއި އޭގެ ނުރައްކާތައް" ނަމުގައި، ސައުދީ އަރަބިޔާގެ އުއްމުލް ގުރާ ޔުނިވާސިޓީގެ އިސްލާމީ ފިގުހުގެ ދާއިރާގެ ޕްރޮފެސާ ޑރ. އާރިފު ޢަވަޟް އައްރިކާބީ ވަނީ ހާއްސަ ލެކްޗާއެއް ނަގައިދެއްވައިފައެވެ.

އެ ލެކްޗާ އަޑުއެހުމަށްޓަކައި ޑިފެންސް މިނިސްޓްރީގެ އިސްވެރިންނާއި، ފުލުހުން އަދި ކަސްޓަމްސްގެ އިސްވެރިން ވަޑައިގެންނެވިއެވެ.

އެ ލެކްޗާ މައިގަޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ހަރުކަށި ފިކުރު ގެންގުޅޭކަން ފިކުރީގޮތުން ފުރަތަމަކޮޅު އަންގައިދޭ ކަންތައްތައް ތަހުލީލުކުރުމަށާއި، ތައުލީމީ އަދި އިޖްތިމާއީ މާހައުލުތަކުގައި ހައްދުން ނައްޓައިދިއުމުގެ ފިކުރުތައް އުފެދިގެން ދިއުމުގެ ގޮތްތަކުގެ މައްޗަށެވެ.

ލެކްޗާގައި އަލިއަޅުވާލާފައިވާ ކަންކަމުގެ ތެރޭގައި ފިކުރީ ހައްދުފަހަނައެޅުންތައް މޮނިޓާކުރުމަށް ބޭނުންކުރާނެ އިލްމީ އާލަތްތަކާއި އެކަށީގެންވާ ތަރުބަވީ ވަސީލަތްތައް ބޭނުންކޮށްގެން އެކަންތައްތަކާ ކުރިމަތިލާނެ ގޮތްތައް ހިމެނެއެވެ.

އަދި އިތުރަށް، ހަރުކަށިކަން ނައްތާލައި، މުޖްތަމައުގެ ހޭލުންތެރިކަން އިތުރުކުރުމަށް ބޭނުންކުރާ ބައިނަލްއަގުވާމީ ކާމިޔާބު މޮޑެލްތަކައް ލެޗްކާގެ ތެރެއިން އަލި އަޅުވާލައިފައިވެއެވެ.