ދުބާއީ އެއާ ޝޯގައި އިންޑިއާގެ ޖެޓެއް ވެއްޓިއްޖެއެވެ.

ދުބާއީގައި އިއްޔެ ކުރިޔަށްދިޔަ ދުބާއީ އެއާޝޯވްގައި ޑިސްޕްލޭކުރި އިންޑިއާގެ އެއާ ފޯސްގެ ޖެޓު ވެއްޓުމާއެކު ވަނީ އެ ޖެޓު ދުއްވި ޕައިލެޓުވެސް މަރުވެފައެވެ.

ޖެޓު ވެއްޓެން މެދުވެރިވި ސަބަބު ބެލުމަށް ތަހުގީގެއް ފަށާފައިވާކަން އިއުލާންކުރުމަށް އިންޑިއަން އެއާފޯސް އިން ނެރުނު ބަޔާނެއްގައިވާގޮތުން ވެއްޓިފައިވަނީ އިންޑިއާގެ ހިންދުސްތާން އެއިރޯނޯޓިކްސް އިން އުފައްދާފައިވާ ޓެޖަސް މަރުކާގެ ޖެޓެކެވެ.

ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން ބުނީ އެ ހާދިސާ ހިނގުމާއެކު އެ ސަރަހައްދަށް ރެސްކިއު ޓީމުތަކާއި އަލިފާން ނިއްވާ ޓީމުތައް ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ޖެޓު ވެއްޓުނު މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު، ޖެޓު ވެއްޓެން މެދުވެރިވި ސަބަބު ބަލަމުންދާތީ އަދި އެކަމުގައި ކޮމެންޓެއް ކުރުން އަވަސް ކަމަށް އޮފިޝަލުން ވަނީ ބުނެއެެވެ.

މިއަހަރުގެ ދުބާއީ އެއާޝޯވް ބެލުމަަށް 148،000 އަށްވުރެ ގިނަ މީހުން ވަނީ ރަޖިސްޓާކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮފިޝަލުން ބުނާގޮތުގައި ޔޫއޭއީގެ އަލް މަހްތޫމް އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށްގެންދިޔަ އެއާ ޝޯގައި އިންޑިއާ ޖެޓު ވެއްޓިފައިވަނީ އެންމެ ފަހު ދުވަހުއެވެ.