އިންޑިއާގައި ބޭންކު އޮފިޝަލުންނަށް ހެދިގެން ހަތް މިލިއަން ރުޕީސް ފޭރިގަނެފިއެވެ.

އޮފިޝަލުން ބުނާގޮތުގައި އިންޑިއާގެ ދެކުނު ކަރްނާޓަކާ ސްޓޭޓުގައި އިއްޔެ ހިނގި އެ ހާދިސާގައި އެގައުމުގެ ސެންޓްރަލް ބޭންކުގެ އޮފިޝަލުން ކަމަށް ހެދިގެން ތިބި ހަތިޔާރު އެޅި ބަޔަކު ފޭރި ގަނެފައިވަނީ ވެހިކަލެއްގައި ގެންދިޔަ ފައިސާއެވެ.

ފައިސާ ފޭރުނު މީހުން ވަނީ ވެހިކަލުގައި ތިބި ސެކިއުރިޓީ ފަރާތްތަަކަށް ބިރުދައްކައި އެހެން ވެހިކަލަކަށް ބަދަލުކޮށް ފައިސާ ހުރި ވެހިކަލުގައި ދަތުރުކޮށް އެމީހުން ބޭނުންވާ ވެހިކަލަށް ފައިސާތައް އަރުވައިގެން ފިލާފައި ކަމަށް ފުލުހުން ބުނެއެވެ.

ފައިސާތަކެއް ފޭރުނު މައްސަލަ ބެލުމަށް ބޮޑު އޮޕަރޭޝަނެއް ފަށާފައިވާ އިރު، މިހާތަނަށް އެމީހުން ދަތުރުކުރި ވެހިކަލް ހޯދިފައިވާ ކަމަށް އިންޑިއާގެ ފުލުހުން ބުންޏެވެ.

އިންޑިއާގެ ފުލުހުން ބުނީ ފައިސާ އުފުލި ވެހިކަލް ނިސްބަތްވާ ކުންފުނީގެ އެތެރޭގެ ހާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އެ ސްޓޭޓްގެ ބައެއް ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ.