މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި އޭނާ އާއެކު އެންމެ ފަހުން އުޅުނު ރައުދު އަހްމަދު ޒިލާލްގެ މައްޗަށް ކުރި ދައުވާއަށް އޭނާ އިއުތިރާފުވެއްޖެއެވެ.

ރައުދުގެ މައްޗަށް ދައުވާކުރަން ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ފޮނުވާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ.

އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަށް އިއުތިރާފްވީ މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގަ އެވެ. އެހެންވެ، އަވަސް ނިޔާ މައްސަލައެއްގެ ގޮތުގައި އެ މައްސަލާގެ ހުކުމް އަންނަ ހަފުތާގައި އިއްވަން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

އެ ކުށް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް އަންނާނީ 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ. އެ މައްސަލައިގައި ރައުދު ހައްޔަރުކުރުމަށްފަހު ބަންދުން ދޫކޮށްލާފައިވަނީ އެ އަދަބަށްވުރެ ގިނަ ދުވަހު އޭނާ ޖަލުގައި ހުންނަން ޖެހިދާނެތީ އެވެ. އެ މައްސަލައިގައި ރައުދު ހައްޔަރުކުރީ އޭޕްރީލް 24ގަ އެވެ. އަދި އޭނާ ބަންދުން ދޫކޮށްލީ މެއި 27ގަ އެވެ.

ޔުމްނު ވެއްޓިފައިވަނީ ރައުދު އާއެކު ފެންޓެނޯއީގައި އުޅެނިކޮށެވެ. އެ މައްސަލައިގައި ފުލުހުން އެންމެ ފުރަތަމަ ބުނެފައިވަނީ ޔުމްނު ވެއްޓުމުގައި ރައުދު ނޫން މީހެއްގެ ބައިވެރިވުން ނެތް ކަމަށެވެ. ނަމަވެސް ޔުމްނުގެ އާއިލާއިން ވަނީ ރައުދުގެ އިތުރުން ހަތަރު މީހުން އެގޭގައި ތިބި ކަމަށް ޔުމްނު އާ ހަވާލާދީ ބުނެފައެވެ.