މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (މިފްސާ) ގެ ސީއީއޯ ކަމުގެ މަގާމަށް ދާތޯ އިސްކަންދަރު މުހައްމަދު ނޫލީ އައްޔަންކޮށްފިއެވެ.
މިއަހަރުގެ ކުރީކޮޅު، ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ގުޅިގެން ފެށި އެމްއައިއެފްސީ އަކީ، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ރާއްޖޭގެ އިގުތިސޯދު ތަފާތު ދާއިރާތަކަށް ފުޅާކުރުމަށްޓަކައި 8.8 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ހިމެނޭ ތާރީހީ މަޝްރޫއެކެވެ.
މިފްސާއަކީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ) ތަރައްގީކޮށް، އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ ދިވެހި ސަރުކާރުގެ އިދާރާއެވެ. މިފްސާގެ ޒިންމާތަކުގެ ތެރޭގައި، ހަރުދަނާ ގަވާއިދުތަކާއި އޮނިގަނޑެއް ގާއިމުކުރުމާއި ބައިނަލްއަގްވާމީ މިންގަނޑުތަކަށް އަމަލުކުރޭތޯ ކަށަވަރުކުރުމާއި އަދި އެމްއައިއެފްސީއަކީ ބައިނަލްއަގުވާމީ މާލީ ދާއިރާގައި އިތުބާރު ހުރި، ވާދަވެރި މަންޒިލެއްގެ ގޮތުގައި ކުރިއަރައިގެން ދިޔުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ.
އެމްއައިއެފްސީއަކީ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާ ގުޅިގެން ސަރުކާރުން އިސްނަގައިގެން ފަށާފައިވާ މަޝްރޫއެކެވެ. މުޅިން ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ފަރުމާކޮށްފައިވާ މާލީ މިނިވަން މަންޒިލެއްގެ ގޮތުގައި، އެމްއައިއެފްސީގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ދިވެހި އިގުތިސޯދު ތަފާތު ދާއިރާތަކަށް ފުޅާކުރުމަށްޓަކައި، ދުނިޔޭގެ މާލީ އިދާރާތަކާއި ފިންޓެކްގެ އީޖާދުތަކާއި އަދި ޑިޖިޓަލް ދާއިރާގެ ހުނަރުވެރިން ރާއްޖެއަށް ގެނައުމެވެ.
އެމްއެމްއޭއިން ބުނިގޮތުގައި 780،000 އަކަ މީޓަރުގެ ސަރަހައްދެއްގައި ތަރައްގީކުރާ މި މަޝްރޫއުގެ ތެރޭގައި، ޒަމާނީ ފެންވަރުގެ ކޮންފަރެންސް ސެންޓަރަކާއި ފާހަގަކޮށްލެވޭ ފަދަ ތިން މިކްސްޑް-ޔޫސް ޓަވަރާއި ބައިނަލްއަގުވާމީ ހޮޓާތަކާއި ބްރޭންޑެޑް ރެސިޑެންސްތަކާއި ފިހާރަތަކާއި އޯޝަނޮގްރަފިކް މިއުޒިއަމަކާއި މިސްކިތަކާއި އަދި އިންޓަނޭޝަނަލް ސްކޫލެއް ހިމެނޭނެއެވެ.
ދެމެހެއްޓެނިވިކަން އަސާސަކަށް ބަލައިގެން ބިނާކުރާ އެމްއައިއެފްސީ ހިންގާނީ މުޅިންވެސް އިއާދަކުރުވަނިވި ހަކަތައިންނެވެ. އަދި ފަރުމާކޮށްފައިވަނީ ހިނގާބިގާވެ އުޅޭ މީހުންނަށް ފަސޭހަ، ކާރު ދުއްވުން މަނާ މާހައުލެއްގެ ގޮތުގައެވެ. މި މަޝްރޫއު 2030 ވަނަ އަހަރު ނިންމުމަށް ހަމަޖެހިފައިވާ އިރު، ހިންގަން ފަށާތާ ފަސް ވަނަ އަހަރުގެ ނިޔަލަށް، އަހަރަކު އެއް ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ހޯދުމަށް ވަނީ އަމާޒު ހިފައިފައެވެ.
ދާތޯ އިސްކަންދަރުގެ ތައާރަފެއް
ދާތޯ އަކީ ހާއްސަކޮށް މާލީ ހިދުމަތްތައް ބަލަހައްޓާ އިދާރާތަކުގައި، އޮފްޝޯ މާލީ ހިދުމަތްތަކުގެ ދާއިރާއިން 30 އަހަރަށް ވުރެ ދިގު ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ދާތޯ އިސްކަންދަރު ވަޒީފާގެ ދާއިރާއަށް ނުކުމެވަޑައިގަތީ 1990 ވަނަ އަހަރު ބޭންކް ނެގާރާ މެލޭޝިއާއިންނެވެ. އޭގެ ފަހުން، 1996 ވަނަ އަހަރު ލަބުއާން ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (ލަބުއާން އެފްއެސްއޭ) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އެންމެ ފުރަތަމަ މުވައްޒަފުންގެ ތެރޭގައި ހިމެނިވަޑައިގެންނެވިއެވެ. އެއަށްފަހު، ޑިރެކްޓަރު، ސީނިއާ ޑިރެކްޓަރު އަދި އެންމެ ފަހުން ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ފަދަ އިސް މަގާމުތަކެއް ފުރުއްވިއެވެ. ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނަވައިގެން، ލަބުއާން އެފްއެސްއޭގެ ދުވަހުން ދުވަހުގެ އިދާރީ ކަންކަން ބެލެހެއްޓެވުމުގެ އިތުރުން، އެ އޮތޯރިޓީގެ މައި ޑިޕާޓްމަންޓްތައް ކަމަށްވާ ގާނޫނީ، ސުޕަވިޒަން، ސިޔާސަތު އަދި ހިއުމަން ރިސޯސަސް ފަދަ ދާއިރާތައް ބެލެހެއްޓެވިއެވެ. ޖެނުއަރީ 2020 އިން ފެށިގެން ޖެނުއަރީ 2025 ގެ ނިޔަލަށް، ލަބުއާން އައިބީއެފްސީ ބާހާދްގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމުވެސް އަދާކުރެއްވިއެވެ.
ދާތޯ އިސްކަންދަރުގެ ވަޒީފާގެ ހަޔާތުގައި ގާނޫނީ ގޮތުން ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައިވެއެވެ. ލަބުއާން އެފްއެސްއޭއަކީ ސަރުކާރުގެ މަރުކަޒީ އިދާރާއެއްގެ ގޮތުގައި ގާއިމުކުރުމަށްޓަކައި، ލަބުއާން ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ގާނޫނު 1996 އެކުލަވާލެއްވީ ވެސް އެމަނިކުފާނުއެވެ. އަދި 2008 އާއި 2010 އާ ދެމެދު، ލަބުއާން އައިބީއެފްސީގެ ގާނޫނީ އޮނިގަނޑު މުރާޖައާކޮށް، ޒަމާނީކުރުމުގެ މުހިންމު މަސައްކަތްވެސް އެމަނިކުފާނު ވަނީ އިސްކޮށް ހުންނަވައިގެން ކުރައްވައިފައެވެ.
ގާނޫނީ ވަކީލެއްގެ ގޮތުގައި ދާތޯ އިސްކަންދަރު، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީއިން ބެޗްލާ އޮފް ލޯސް (އޮނާސް) ހާސިލްކުރައްވާފައިވެއެވެ. އަދި މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމަންޓްގެ ދާއިރާއިން ޑޮކްޓަރޭޓް ވެސް ހާސިލްކުރައްވާފައިވެއެވެ. އެމަނިކުފާނަކީ ސާޓިފައިޑް ފައިނޭންޝަލް އިންވެސްޓިގޭޓަރެއްގެ އިތުރުން، މެލޭޝިއާގެ ސަރަވާކްގައި ޝަރުއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެއްވެސްމެއެވެ.
"މިފްސާ ހިންގެވުމާ ހަވާލުވެވަޑައިގަތުމުން ދާތޯ އިސްކަންދަރަށް އަޅުގަނޑުމެން ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން،" މިފްސާގެ ބޯޑުގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވިއެވެ.
"އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރެއް ބިނާކުރެއްވުމުގެ ގާބިލްކަމާއި މާލީ ހިދުމަތްތަކާއި ބައިނަލްއަގުވާމީ މިންގަނޑުތަކުގެ ދާއިރާއިން ލިބިވަޑައިގެންފައިވާ ގިނަގުނަ ތަޖުރިބާއަކީ، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރާ ގުޅޭގޮތުން ދިވެހި ސަރުކާރުގެ ވިސްނުން ހަގީގަތަކަށް ހެދުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް،"
"މި މަގާމާ ހަވާލުވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. ޒަމާނީ، ދެމެހެއްޓެނިވި މާލީ މަރުކަޒެއް ތަރައްގީކުރުމަށް ދިވެހި ސަރުކާރުން ދެއްވާ އަހަންމިއްޔަތަކީ، ދުނިޔޭގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނެސް، ބައިނަލްއަގުވާމީ މާލީ ދާއިރާގައި ވާދަވެރި ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ގާއިމުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް،" ދާތޯ އިސްކަންދަރު ވިދާޅުވިއެވެ.
އާއިޝަތު މާހާ
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ
ސާބަހޭ އަޅެ ދިވެހިން ނެތީތަ
ޑޮލަރު - 7 މަސް ކުރިން