މާލޭގައި ގާއިމްކޮށްފައިވާ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު އަދި ޖީޕީ ކްލިނިކް ރަސްމީކޮށް ހުޅުވައިފިއެވެ.

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެތަން ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އެތަން ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ރައީސްގެ ދެ ކަނބަލުންވަނީ އެ ސެންޓަރު ބައްލަވާލައްވައިފައެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްގެން ގާއިމްކޮށްފައިވާ އެ މަރުކަޒު މާލޭ ސިޓީ ގްރޫޕާ މިއަދު ރަސްމީކޮށް ހަވާލުކުރިއިރު އެތަނާ ހަވާލުވެވަޑައިގަތީ މާލޭސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއީއޯ ރައްޒާގް ވިދާޅުވީ މި ސެންޓަރުގެ ސަބަބުން ތަކުލީފު ކުޑަކޮށް ސިއްހީ ފަރުވާގެ އިންތިޒާމް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ސިއްހީ ސިޔާސަތުގެ މައިގަނޑު އަސާސްތައް ހާސިލްވެގެންދާނެ ކަމަށެވެ.

"އެގޮތުން ރައީސްގެ މުއިއްޒު ގެންގުޅުއްވާ މައިގަނޑު ސިޔާސަތު ބަލިމަޑުކަމުން ސަލާމަތްވެ ދުޅަހެޔޮ މުޖުތަމައެއް ބިނާވެގެންދިއުމަށް މަގުފަހުވެގެންދާނެ ހިދުމަތްތަކެއް މި ސެންޓަރުގެ އެހީގައި ރައްޔިތުންނަށް ލިބިގެންދާނެ،" ރައްޒާގް ވިދާޅުވި އެވެ.

ރައްޒާގް ވިދާޅުވީ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުގެ ހިދުމަތްތައް މައިގަނޑު ގޮތެއްގައި ބެހިގެންދާނީ ތިން ބަޔަކަށް ކަމަށެވެ. އެގޮތުން ޖެނެރަލް ޕްރެކްޓިޝަނާ (ޖީޕީ) ކްލިނިކްގެ ހިދުމަތް ލިބޭނެ ކަމަށާއި އިތުރު ފަރުވާއަށް ސްޕެޝަލިސްޓުންނަށް ދައްކަންޖެހޭ ހާލަތްތަކުގައި ފަސޭހައިން އެ އިންތިޒާމް ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އާންމު ސިއްހަތުގެ ފެންވަރު ކުރިއެރުވުމަށް ގައުމީ ފެންވަރުގައި ޕްރޮގްރާމްތައް އެތަނުން ހިންގާނެ ކަމަށެވެ. އެގޮތުން އެޗްޕީއޭ އާއި ކަމާބެހޭ އެހެނިހެން މުއައްސަސާތައް ގުޅިގެން ކުޑަކުދިންނަށް ވެކްސިން ދިނުމާއި ހެދިބޮޑުވަމުން އަންނަ ގޮތް މޮނީޓާ ކުރުމުގެ އިންތިޒާމް ފަސޭހަކަމާއެކު ލިބިގެންދިއުމުގެ އިތުރުން ބެލެނިވެރިންނަށް ބޭނުންވާ ކައުންސިލިންގެ ހިދުމަތްވެސް ލިބިގެންދާނެ ކަމަށް ރައްޒާގް ވިދާޅުވި އެވެ.

"އޭގެ އިތުރުން މި ސެންޓަރަކީ ސިއްހީ ރަނގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި ގައިން ގަޔަށް ނާރާ ބަލިތަކާއި ނަފްސާނީ ދުޅަހެޔޮކަމާއި ދުންފަތާ ދުރުވުމުގެ ކްލިނިކްތަކާއި ގައުމީ ފެންވަރުގެ ޕްރޮގްރާމްތައް ހިންގައި ކައުންސިލިންގެ ހިދުމަތް ފޯރުކޮށްދެވޭނެ ސެންޓަރެއް،" ރައްޒާގް ވިދާޅުވި އެވެ.

ރައްޒާގް ވިދާޅުވީ އެފަދަ އިތުރު 5 ކްލިނިކް ގާއިމްކުރަން ނިންމާފައިވާ ކަމަށެވެ. އެއީ މާލޭގައި އިތުރު ތިން ސެންޓަރު އަދި ހުޅުމާލޭގައި ދެ ސެންޓަރެވެ.