ސައުދީގައި ބަސް އެކްސިޑެންޓެއްގައި އިންޑިއާގެ 45 މީހަކު މަރުވެއްޖެއެވެ.

މައްކާއިން މަދީނާއަށް ދަތުރުކުރި އެމީހުން ދަތުރުކުރި ބަސް މަދީނާ ކައިރީގައި އެކްސިޑެންޓުވެފައިވާ އިރު، އެ އެކްސިޑެންޓު ހިނގާފައިވަނީ ތެޔޮ އުފުލާ ޓްރަކެއްގައި ޖެހިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބަހުން ދަތުރުކުރި 46 މީހުންގެ ތެރެއިން 45 މީހުން މަރުވެފައިވާ އިރު، އެކަކު ސަލާމަތްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އެމީހާއަށް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އުމްރާގެ އަޅުކަމަށް ސައުދީގައި ހަރަކާތްތެރިވި އެމީހުން ދަތުރުކުރި ބަސް އެކްސިޑެންޓު ވެފައިވާ އިރު، އެ ބަހުގައި ދަތުރުކޮށްފައިވަނީ ހައިދްރައާބާދަށް ނިސްބަތްވާ މީހުން ކަމަށް އިންޑިއާގެ ފުލުހުން ބުނެއެވެ.

އެ ހާދިސާ ހިނގުމާއެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ އެކްސް މެދުވެރިކުރައްވައި ހިތާމަފާޅުކުރައްވައިފައެވެ. މޯދީ ވަނީ ސައުދީގެ އޮފިޝަލުންނާ ގުޅިގެން އިންޑިއާ ސަރުކާރުން އެ ހާދިސާގެ ކަންކަން ގާތުން ބަލަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.