ދިއްލީގައި ބޮން ގޮއްވާލި މީހާގެ މައުލޫމާތު އާންމުކޮށްފިއެވެ.

އިންޑިއާގެ ވެރިރަށް ދިއްލީގައި މިދިޔަ ހަފުތާގައި ކާރެއް ގޮއްވާލައިގެން ދިން ހަމަލާގައި 10 މީހަކު މަރުވެފައިވާ އިރު، 32 މީހަކަށް އަނިޔާވެ ފަރުވާދެމުންދެއެވެ.

އިންޑިއާގެ ނެޝަނަލް އިންވެސްޓިގޭޝަން އެޖެންސީން ވަނީ އެ ހަމަލާގެ ހާއްސަ ތަހުގީގެއް ފަށައި ގުޅުންހުރި ތަންތަން ބަލައިފާސްކޮށްފައެވެ.

ތަހުގީގަށް ލިބެމުންދާ މައުލޫމާތުތައް ހިއްސާކުރަން ފަށާފައިވާ އިރު، އިންޓެލިޖެންސުން ވަނީ އެ ހަމަލާ ދިން މީހާގެ މައުލޫމާތު އާންމުކޮށްފައެވެ. ނެޝަނަލް އިންވެސްޓިގޭޝަން އެޖެންސީން ވަނީ އެ ހަމަލާ ދީފައިވަނީ އުމަރު އަން ނަބީ ނަމަކަށް ކިޔާ މީހެއް ކަމަށް ހާމަކޮށްފައެވެ.

އެ އިދާރާއިން ވަނީ އުމަރަކީ ކަޝްމީރުގެ އިންޑިއާއާ ވީ ފަޅީގައި މަސައްކަތް ކުރަމުންދާ މީހެއް ކަމަށް ބުނެފައެެވެ. އުމަރަކީ ފަރިދްއާބާދްގައި ހުންނަ އަލް ފަލާހް ޔުނިވާސިޓީގައި ޖެނެރަލް މެޑިސިން ޑިޕާޓްމަންޓުގެ އެސިސްޓަންޓު ޕްރޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރާ ފަރާތެއް ކަމަށް އިންޓެލިޖެންސުން ބުނެއެވެ.

އުމަރުގެ މައުލޫމާތު އިންޓެލިޖެންސުން ހާމަކޮށްފައިވީ ނަމަވެސް ބީބީސީއާ ހަވާލާދީ އުމަރުގެ އާއިލާއިން ވަނީ އުމަރު އެ ހަމަލާ ދޭން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާކަމަށް ބުނެފައެވެ.

އިންޑިއާގެ ފުލުހުން ވަނީ އެގައުމުގެ ކަޝްމީރު ފަޅިން އެ މައްސަލައާ ގުޅުންހުރި މީހަކު މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކޮށް ސުވާލުކުރަން ފަށައިފައެވެ.