ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމުގެ މަގުސަދުގައި އިތުރު އިސްރަށްވެހިންގެ ނާދީއެއް ތަރައްގީކުރުމަށް ނިންމައިފިއެވެ.

އެކަމަށްޓަކައި އުމަރު ޒާހިރު ބިލްޑިންގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން ސޯޝަލް އެންޑް ފެމިލީ ޑިވޮލަޕްމަންޓް މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް އިސްމާއިލް އަލީ އެވެ.

އެސްޑީސީން ބުނީ އިސްރަށްވެހިންގެ ނާދީގެ މަގުސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކަށް އެންމެ ފުރިހަމައަށް ހިދުމަތް ދެވޭނެ އިތުރު މަރުކަޒެއް ހުޅުމާލޭގައި ގާއިމުކުރުން ކަމަށެވެ. އެ އެއްބަސްވުމުގައި ސޮއިކުރީ އިސްރަށްވެހިންނަށް ބޭނުންވާނެ އެންމެ ފުރިހަމަ އަދި ޒަމާނީ ވަސީލަތްތަކާއެކު 24 މަސް ދުވަހުގެ ތެރޭގައި އެތަން ނިންމުމަށް ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ނާދީވެސް ތަރައްގީކުރަނީ އިސްރަށްވެހިންގެ ހެލްތު ސްކްރީނިންއާއި އެ ފަރާތްތަކަށް ބޭނުންވާ ހާއްސަ ފަރުވާ ލިބޭ ގޮތަށެވެ. އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ ހިތްހަމަޖައްސާލައި އަރާމުކޮށްލަން މަޑުކޮށްލާނެ ސަރަހައްދާއި، ހިތްފަސޭހަކޮށްލުމަށް ބޭރަށް ނުކުމެވޭނެ ޖާގައިގެ އިތުރުން ފޮތް ކިޔުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޖާގަވެސް އެތަނުގައި ހިމެނުމަށް ހަމަޖެހިފައިވެއެވެ.

އިސްރަށްވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ތަރައްގީކުރި ނާދީން މިއަހަރުގެ ކުރީކޮޅު ވަނީ ހިދުމަތްދޭން ފަށައިފައެވެ. ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާނޭ އެފަދަ އެކި ވަސީލަތްތައް ތަރައްގީކޮށް ހިދުމަތް ފޯރުކޮށްދިނުމަށް އެޗްޑީސީން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.