ފިހާރައަކުން ފޯނެއް ވަގަށްނެގި މީހަކު ނުވަމަހާއި 10 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ވައްކަން ކުރުމުގެ ދައުވާ ދައުލަތުން ކޮށްފައިވަނީ ނ. މަނަދޫ ރީހުއްސަބާ އިސްމާއީލް އިޔާސް ގެ މައްޗަށެވެ.

އޭނާގެ މައްޗަށް މި ދައުވާކުރީ މާފަންނު ފަރީދީމަގުގައި ހުންނަ "ބެސްޓް ޑީލް" ފިހާރައިން 14500 ރުފިޔާގެ އަގުހުރި ފޯނެއް ވަގަށް ނަގައިގެންނެވެ.

މި މައްސަލައަށް އިޔާސް ވަނީ އިންކާރުކޮށްފައެވެ.

ނަމަވެސް ދައުލަތުން އޭނާއާ ދެކޮޅަށް ހެކިން ހުށަހެޅިއެވެ. ނަމަވެސް އިޔާސްގެ ފަރާތުން ދިފާއީ ހެކި ހުށަހަޅާފައެއް ނުވެއެވެ.

އެހެންކަމުން އޭނާގެ މައްޗަށް ދައުލަތުން ކުރި ވައްކަން ކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ނުވަ މަހާއި 10 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.