ޖިންސީ ނިޔަތެއް އޮވެގެން ކުޑަ ކުއްޖެއްގެ ގައިގައި އަތްލި މައްސަލަ އަލުން ބަލަން ހައިކޯޓުން ދަށު ކޯޓަށް އަންގައި ހުކުމްކޮށްފިއެވެ.
މިއީ އަބްދުالله ރަޝީދު ކިޔާ މީހެއްގެ މައްޗަށް ދައުލަތުން ކުރި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއެެކެވެ.
މި ދައުވާ ކޮށްފައިވަނީ 16 އޮކްޓޫބަރު 2022 ދުވަހުގެރޭ ކުޑަ ކުއްޖަކާއެކު ސައިކަލުގައި ދަމުން އެ ކުއްޖާގެ އުމުރާ ނުގުޅޭ ގޮތަށް ކުއްޖާއާ ވާހަކަދައްކައ،ި ކުއްޖާ ދެކެ ލޯބިވާކަމަށް ބުނެ އަތްލައިފައިވާތީއެވެ.
އެ މައްސަލައިގައި ދައުވާ ސާބިތު ވާ މިންވަރަށް ކާފީ ހެކި ލިބިފައި ނުވާތީ އަބްދުﷲ ރަޝީދުގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށް ދަށު ކޯޓުން ހުކުމްކުރިއެވެ.
އެގޮތަށް ދަށު ކޯޓުން ހުކުމްކުރި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ، ކުޑަކުއްޖާ ތަހުގީގަށް ކިޔައިދޭ ކިޔައިދިނުން ވީޑިއޯ ކޮށްގެން ޝަރީއަތަށް ހުށަހަޅާ ހުށަހެޅުމަކީ، ކުޑަކުއްޖާގެ ހެކިބަސް ކަމަށް ބުރަވެ މީހެއްގެ މައްޗަށް ކުށް ސާބިތު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ބުރަ ނުވެވޭތީ އާއި ކުއްޖާގެ ބަސް "ހެކި ބަހެއް" ގެ ގޮތުގައި ހުށަހަޅަން އެދޭ ނަމަ ޕްރޮސިކިއުޝަނުން، ކުއްޖާ ހެއްކެއްގެ ގޮތުގައި ހުށަހަޅަން ޖެހޭ ކަމަށް ހައިކޯޓުން ބަޔާންކޮށްފައިވާއިރު މި މައްސަލައިގައި އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާގެ ހެކިބަސް ނަގަން ބޭނުން ނުވާކަމަށް ދައުލަތުން ބުނެ ކުއްޖާގެ ނަން އަނބުރާ ގެންގޮސްފައިވުމެވެ.
މީގެ އިތުރުން ކުއްޖާގެ ތަހުގީގު ބަޔާނަކީ ހާއްސަ ގާނޫނު އަދި އެއީ އާންމު ޖިނާއީ އެހެން މައްސަލަތަކުގައިވެސް އަނިޔާ ލިބޭ ފަރާތުން ދޭ ބަޔާން ފަދަ ބަޔާނެއް ކަމަށް ހައިކޯޓުގެ ނިންމުމެއްގައިވާގޮތުން ބެލެވުމާއި، ދައުލަތުން 10 ޝަފަހީ ހެއްކާއި 12 ކިތާބީ ހެކި ހުށަހަޅާފައި ވީނަމަވެސ،ް ކުށުގެ މާއްދީ ރުކުން ކަމަށްވާ "ކުއްޖާގެ ހަށިގަނޑުގައި އަތްލުން" ސާބިތު ވުމުގެ ފުރުސަތު އޮތީ ކުއްޖާގެ ބަހުންނާއި ޑީއެންއޭ އެނަލިސިސް ރިޕޯޓުން ކަމަށް ވުންވެސް ހިމެނެއެވެ. ކުއްޖާގެ ބަސް ޝަރީއަތަށް ކަށަވަރު ވާން ނެތް ހާލަތުގައި ކުއްޖާ ކިޔައިދިން ކަމަށް ބުނެ އަޑުއެހި ހެކިންގެ ބަހަށް ބުރަދަން ދެވޭނެ ހަމައެއް ނެތުމާއި ޑީއެންއޭ އެނަލިސިސް ރިޕޯޓު ތައްޔާރުކުރި ފަރާތުން ދިން ހެކިބަހަށް ބަލާއިރު "ޑީއެންއޭ ފެނުމުގެ ޗާންސް ވަރަށް ކުޑަވާނެ ނުވަތަ ޗާންސް ހަމަ އޮވެވެސް ދާނެ" މިފަދައިން ބުނެފައިވާތީ އިހުތިމާލު އޮންނަ ކަމެއްގެ މައްޗަށް ހުކުމެއް ގާއިމް ނުކުރެވުންވެސް ހިމެނެއެވެ.
ނަަމަވެސް ދަށުކޯޓުގެ އެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
މި މައްސަލައިގައި ޕީޖީގެ ފަރާތުން އިސްތިއުނާފީ ދެ ނުކުތާއެއް ހައިކޯޓަށް ހުށަހެޅިއެވެ.
އޭގެ ތެރޭގައި ހިމެނެނީ ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ނ) އާއި (ކ) އާއި އެގާނޫނުގެ 47 ވަނަ މާއްދާ އާއި 48 ވަނަ މާއްދާއާ ހިލާފަށް ދަށުކޯޓުގެ ގަޒިއްޔާ ނިންމާފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާ އާއި ދަށު ކޯޓުގެ ގަޒިއްޔާއަކީ ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދައުލަތުން ބުނީ ހާއްސަ ގާނޫނުގެ 47 ވަނަ މާއްދާ އާއި 48 ވަނަ މާއްދާއަށް އެކުގައި ބަލާއިރު ކުއްޖާގެ ހެކިބަސް ޝަރީއަތަށް ނެގުމަކީ ކޮންމެހެން ލާޒިމް ކަމެއް ނޫން ކަން އެނގޭ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ނިންމާފައިވާ ގަޒިއްޔާއަކާއި އިތުރު ގަޒިއްޔާތަކަށް ބަލާއިރުވެސް ކުއްޖާގެ ހެކިބަސް ޝަރީއަތަށް ނެގުން ކޮންމެހެން ލާޒިމު ނޫންކަން އެނގޭތީ ކުއްޖާ ތަހުގީގަށް ކިޔައިދީފައިވާ ކިޔައިދިނުން އަސްލެއް ކަމަށް ބަލައިގެން އެ ކިޔައިދިނުން އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްތޯ، ނުވަތަ ކުއްޖާގެ ނުނިޔަތެއް އޮތްތޯ ނެތްތޯ ދަށުކޯޓުން ވަޒަންކޮށްފައި ނުވަނީ ގާއިމުވެފައިވާ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ކުއްޖާގެ ހެކިބަސް ނެގުމަށް ހެކި ލިސްޓުގައި އާންމު އުސޫލުން ހިމަނާ ކަމަށާއި، އެއީ ކޮންމެހެން ނަގަން ޖެހިއްޖެ ހާލަތުގައި ކުއްޖާގެ ހެކިބަސް ނެގުމަށް ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް އާންމު އުސޫލުން ކުއްޖާގެ ހެކިބަސް ނެގުމަށް ދައުލަތުން ނޭދޭނެ ކަމަށާއި، މި މައްސަލައިގައި ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓާއި އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓަށް ރިއާޔަތްކޮށް ބެލިއިރު ކުއްޖާ “revictimize“ވުމުގެ ފުރުސަތު އޮތުމުން ކުއްޖާގެ ހެކިބަސް ޝަރީއަތުގައި ނުނެގުމަށް އެދުނީ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން މި މައްސަލައިގައި ހައިކޯޓުގައި ދައުލަތުން އެދޭގޮތަކީ ދަށުކޯޓުގެ ހުކުމް ބާތިލްކޮށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ހެކި ވަޒަންކުރުމަށްޓަކައި މި މައްސަލަ ދަށު ކޯޓަށް ތަހުވީލުކޮށްދިނުން ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައިގައި ދެ ފަރާތުގެ ހުށަހެޅުންތަކަށް ބެލުމަށްފަހު ހައިކޯޓުން މިއަދު ހުކުމްކުރީ، މި މައްސަލައިގައި ދަށުކޯޓުން ކޮށްފައިވާ ހުކުމް ބާތިލު ކަމަށެވެ. މި ގަޒިއްޔާގައި ބަޔާންކޮށްފައިވާ ހަމަތަކުގެމަތީން މި މައްސަލައިގައި ހެކި ވަޒަންކޮށް އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މި މައްސަލަ ދަށުކޯޓަށް ތަހުވީލުކޮށް ވަނީ ހުކުމްކޮށްފައެވެ.
އިބްރާހިމް ޒަކީ
ހައިކޯޓު
ހައިކޯޓު
ހައިކޯޓު