ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް ޖެނުއަރީ މަހު ކުރިމަތިލުމަށް ހުޅުވާލަން ނިންމައިފިއެވެ.

އެކަމާ ގުޅޭ އުސޫލު ހައުސިން މިނިސްޓްރީން މިހާރު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

ހައުސިން މިނިސްޓްރީން ވަނީ، ރަސްމާލެއިން ދޫކުރަން ނިންމާފައިވާ ޖުމްލަ 15000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލައި އެ ގޯތިތައް ބެހިފަވާ ކެޓަގަރީތައް އިއުލާނުކޮށްފައެވެ. އެގޮތުން އެ އުސޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފަވަނީ 1250 އަކަފޫޓުގެ ގޯތިތަކެވެ.

އުސޫލުގައިވާ ގޮތުން އެ ގޯތިތަކުގެ ތެރެއިން 7000 ގޯތި ދޭނީ އުފަންވީއްސުރެ މާލޭ ގެއެއްގެ ރަށްވެހީންގެ ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 1000 ގޯތި ދޫކުރަން ހަމަޖައްސާފައިވާ ކަމަށް އުސޫލުގައިވެއެވެ.

މީގެ އިތުރުން ފަހުން މާލޭ ގެއެއްގެ ރަށްވެހީންގެ ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށްވެސް 2000 ގޯތި ހިމަނާފައިވެއެވެ.

އުސޫލުގައި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހީންނަށްވެސް 3000 ގޯތި ހިމަނާފައިވެއެވެ. އެ ގޯތިތަކަށް ޝަރުތު ހަމަވާނީ މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ނަމައެވެ.

ހާއްސަ ކެޓަގަރީތަކުގެތެރޭގައި ހިމެނޭ ދެ ބައި:

  • މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމްވެފައިވާ ފަރާތްތައް – 500 ގޯތި
  • މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމްވެފައިވާ ފަރާތްތައް – 1500 ގޯތި

މިއަދު އާންމުކުރި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލުގައިވާ ގޮތުން، ފްލެޓަށް އެދި ހުށަހެޅޭނީ އަންނަ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން މާޗު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް www.hiyaavehi.gov.mv ޕޯޓަލް މެދުވެރިކޮށެވެ

އެ އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 7500 ހައުސިން ޔުނިޓެވެ. އޭގެ ތެރެއިން 4000 ހައުސިން ޔުނިޓު ހާއްސަކޮށްފައިވަނީ މާލޭގެ ރަށްވެހީންނަށެވެ. އަދި 1500 ހައުސިން ޔުނިޓު ހާއްސަކޮށްފައިވަނީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށެވެ. ބާކީ ހައުސިން ޔުނިޓުތައް ހާއްސަކޮށްފައިވަނީ ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނާއި އެހެން ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަށާއި ފަގީރުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.