މާލޭ ވިޔަފާރި ބަނދަރުގައި ކޮންޓޭނާ ސްކޭނާ ބަހައްޓަން 51 މިލިޔަން ރުފިޔާ ބޭނުންވާ ކަމަށް މޯލްޑިވްސް ކަސްޓަމްސްއިން ބުނެފިއެވެ.
ކޮންޓޭނާ ސްކޭން ކުރުމުގެ ނިޒާމެއް ނެތުމުން ކޮންޓޭނާ މެދުވެރިކޮށް މަނާތަކެތި އެތެރެ ކުރުމާއި ކަސްޓަންސް އަށް ދައްކަންޖެހޭ ޑިއުޓީ ނުދައްކައި މުދާ އެތެރެ ކުރުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ އެތައް މިލިޔަން ރުފިޔާއެއް ގެއްލިގެންދާކަމުގެ ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ.
އެންމެފަހުން ފަޅާއެރި ސިނގިރޭޓް ކޮންޓެއިނަރުތަކުގެ މައްސަލައަކީވެސް ސްކޭނަރެއް ނެތުމުން ދިމާވި މައްސަލައެއްކަން އެ މައްސަލަތައް ބަލަމުންދިޔަ މަޖިލީހުގެ ކޮމިޓީތަކުން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ސްކޭން ކުރުމުގެ އެފަދަ ނިޒާމެއް ގާއިމް ކުރުމަށް ކަސްޓަމްސް އާއި މޯލިޑްވުސް ޕޯޓްސް ލިމިޓެޑް (އެމްޕިއެލް)ގައި ވަނީ އެދިފައެވެ.
އެ މަސައްކަތް ގޮސްފައި އޮތް ހިސާބެއް އޮޅުން ފިލުވުމަށް ކަސްޓަމްސް އާއި އެމްޕީއެލްގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީއަށް މިއަދު ހާޒިރު ކުރިއެވެ.
އެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ކޮންޓެއިނާ ސްކޭނަރު ގަތުމަށް ބޭނުންވާ 15 މިލިޔަން ރުފިޔާ ކަސްޓަމްސްއަށް ދެއްވާނެ ކަަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ ފައިސާ ހޯދަން ކަސްޓަމްސްއިން މިނިސްޓްރީއަށް ސިޓީ ފޮނުވާފައިނުވާ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
އެކަންތައް ހިނގާދިޔަގޮތް ކޮމިޓީއާ ހިއްސާ ކުރައްވަމުން ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް އަބްދުﷲ އަލީ ވިދާޅުވީ އެކަމާ ގުޅޭގޮތުން މިއަހަރުގެ މާޗު މަހާއި މެއި މަހުގެ ތެރޭގައި ކަސްޓަމްސް އާއި ފިނޭންސާ ދެމެދު ސިޓީ ބަދަލުކޮށްފައިވާނެ ކަމަށާއި، އެކަމަށް ބޭނުންވާ ފައިސާގެ އަދަދުވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ.
އެގޮތުން 30 ސެޕްޓެމްބަރުގައި ބޭއްވި ބައްދަލުވުމެއްގައި 15 މިލިއަން ރުފިޔާގެ ވާހަކަ ފިނޭންސުން ބުނި ނަމަވެސް މުޅި ސިސްޓަމް ބަހައްޓަން 51 މިލިޔަން ރުފިޔާ ހަރަދުވާނެ ކަަމަށްވެސް ވިދާޅުވިއެވެ. އަދި އެ މަސައްކަތުގައި ހުޅުވާލަން ޖެހޭނީ އިންޓަނޭޝަނަލް ބިޑަށް ކަމަށާއި، އެކަމުގެ ޕްރޮކިއުމެންްޓް ޕްރޮސެސްއަށް އެންމެ އަވަސްވެގެންވެސް ދޮޅުމަސް ދުވަސް ހޭދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ އެ ސްކޭނަރު ބަހައްޓަންޖެހެނީ އެމްޕީއެލް ބަނދަރުގައިކަމުން، އެކަމަށް ބޭނުންވާ ފައިސާގެ ބާކީ ބައި އެމްޕީއެލް އިން ހަމަޖެއްސުމަށް ނޫނީ، ފިނޭންސް އިން ހަމަޖައްސައިދިނުމަށް މިނިސްޓަރު ނިންމާފައިވާ ކަމަށެވެ.
އެ މައްސަލައިގައި އެމްޕީއެލްއިން ބުނީ ޖާގައިގެ ދަތިކަން އޮތުމުން އެންމެ ރަނގަޅު ފެންވަރުގެ މެޝިނެއް މާލޭގެ ބަނދަރެއްގައި ނުބެހެއްޓިދާނެ ކަމަށެވެ. ނަަމަވެސް މޮބައިލް ނުވަތަ އެއް ތަނުން އަނެއް ތަނަށް ފަސޭހައިން ގެންދެވޭ ކަހަލަ ސްކޭނަރެއް ހޯދުމަށް އެދިފައިވާ ކަމަށްވެސް ބުންޏެވެ. އަދި އެމްޕީއެލްގެ ހުރިހާ އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުކުރެވުމުން އެ ތަނުގައި އެންމެ ޒަމާނީ މޮޑަން ސިސްޓަމެއް ގާއިމް ކުރާނެ ކަމަށްވެސް ބުންޏެވެ.
އިބްރާހިމް ޒަކީ
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް