މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 240 އަށްވުރެ ގިނަ ބައިވެރިންނާއެކު ރިސާޗް ކޮންފަރެންސް 2025 މިއަދު ވިލާ ނޯޓިކާ ޕެރެޑައިޒް އައިލޭންޑް ރިޒޯޓުގައި ފަށައިފިއެވެ.
މިއީ މި ކޮންފަރެންސްގެ ތާރީހުގައި އެންމެ ގިނަ ބައިވެރިން ބައިވެރިވި ފަހަރެވެ.
މިއަދާއި މާދަމާ ބާއްވާ، މި ކޮންފަރެންސްގައި 240 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވި އިރު، މިއީ ފާއިތުވި އަހަރަށްވުރެ ދެގުނައަށްވުރެ ގިނަ އަދަދެއް ކަމަށް އެމްއެމްއޭ އިން ބުނެއެވެ.
މިއަހަރުގެ ކޮންފަރެންސްގައި އެމްއެމްއޭ އިން އަލަށް ތާއާރަފުކުރި އިކޮނޮމިކް އަދި ފައީނޭންޝިއަލް މެގަޒިން "ދި އައިލޭންޑް އިކޮނޮމިސްޓް" ވަނީ ތައާރަފުކޮށްފައެވެ. އެ މެގަޒިން ލޯންޗުކޮށްދެއްވީ ކޮންފަރެންސްގެ ޝަރަފުވެރި މެހެމާނު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ.
އޭގެ އިތުރުން އެމްއެމްއޭގެ ރިސާޗް ޖާނަލް "މޯލްޑިވްސް ޖާނަލް އޮފް އިކޮނޮމިކްސް އެންޑް ފައިނޭންސް" ވެސް ލޯންޗުކޮށްފައިވެއެވެ. އެ ޖާނަލް ލޯންޗުކޮށްދެއްވީ މެލޭޝިއާގެ އިންސީފް ޔުނިވާސިޓީގެ ޕްރޮފެސަރު އަދި އެސޯސިއޭޓް ޑީން ޑރ. އާއިޝަތު މުނީޒާއެވެ.
އެ ކޮންފަރެންސްގައި، ތަމްވީލް ފިންލިޓް ފެސްޓިވަލް 2025 ގެ މުބާރާތްތަކުގެ ފައިނަލަށް ދިޔަ ފަރާތްތަކަށް ވަނަތަކާއި ފައިސާގެ އިނާމު ވެސް ވަނީ ހަވާލުކޮށްފައެވެ.
ތަމްވީލް ފިންލެޓް ފެސްޓިވަލް ޕްރޮގްރާމްގައި 140 ބައިވެރިން ބައިވެރިވިއެވެ. އޭގެ ތެރޭގައި ގިނައީ ސްކޫލް ދަރިވަރުންނެވެ. އެ ޕްރޮގްރާމްގެ މަގުސަދަކީ މާލީ ހޭލުންތެރިކަން އިތުރުކޮށް، އިގުތިސާދީ ގޮތުން ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމެވެ.
އެމްއެމްއޭ އިން ބުނީ މިއަހަރުގެ އެމްއެމްއޭ ރިސާޗް ކޮންފަރެންސްގައި އިލްމީ ދިރާސާ ކަރުދާސްތައް ފާހަގަކޮށްލެވޭ މިންވަރަށް އިތުރުވެފައިވާ ކަމަށާއި އެ ކޮންފަރެންސްގައި 40 ދިރާސީ ޕޭޕަރު ހުށަހަޅާ ފަރާތްތައް ބައިވެރިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި 20 އަށްވުރެ ގިނަ ބައިނަލްއަގުވާމީ ދިރާސާވެރިން ހިމެނޭ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އޭގެ އިތުރުން، އެމްއެމްއޭއަށް ރިސާޗް ފަންޑްތަކަށް 39 ހުށަހެޅުމާއި، މިއަދު ލޯންޗުކުރި އެމްއެމްއޭ މަޖައްލާ "ދި އައިލޭންޑް އިކޮނޮމިސްޓް" މަޖައްލާއަށް 20 ލިޔުން ލިބިފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭގެ ރިސާޗް ކޮންފަރެންސަކީ މިދިޔަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވާ ކޮންފަރެންސެކެވެ. މިއީ މި ކޮންފަރެންސް ބާއްވާ ދެވަނަ ފަހަރެވެ.
ފާތިމަތު ލިއުޝާ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ