ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްޓާފުންނަށް އަމާޒުކޮށްގެން ހުޅުމާލޭގެ ފުރަތަމަ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ "ރީތިގަސް" ފްލެޓުތައް ލިބުނު ފަރާތްތަކަށް އެޕާޓްމަންޓުތަކުގެ ތަޅުދަނޑިތައް ހަވާލުކުރަން ފަށައިފިއެވެ.
އެކަމަށްޓަކައި، ހުޅުމާލޭގެ ރީތިގަސް މަގުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބައެއް ސްޓާފުންނަށް އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
އެޗްޑީސީން ބުނީ ރޭގެ ރަސްމިއްޔާތުގައި މިނިސްޓަރުގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އަދި ކުންފުނީގެ ބޯޑު މެންބަރުންނާއި އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، އެޗްޑީސީގެ ސްޓާފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ސްޓާފުންނަށް ހާއްސަކޮށްގެން 2017 ވަނަ އަހަރު ފެށި އެ މަޝްރޫއުގެ ދަށުން ހަ ޓަވަރުގައި ޖުމްލަ 459 އެޕާޓްމަންޓް ވަނީ ތަރައްގީކޮށްފައެވެ.
އެޗްޑީސީން ބުނީ ރޭ ހަވާލުކުރަން ފަށާފައިވަނީ، ނިމިފައިވާ ޓަވަރު A އަދި ޓަވަރު B ގައި ތަރައްގީކޮށްފައިވާ 153 އެޕާޓްމަންޓެވެ. އަދި ބާކީ ހަތަރު ޓަވަރުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ބުންޏެވެ.
އޭގެ ތެރެއިން ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ގާއިމްކޮށްފައިވާއިރު، ޓަވަރުތަކުގައި ކޮމަން އޭރިއާއާއި ސެކިއުރިޓީ ރޫމްގެ އިތުރުން ކޮންމެ ޓަވަރެއްގައި ކޮމާޝަލް ޔުނިޓުތައްވެސް ހިމެނޭނެއެވެ. އަދި އޭގެ އިތުރުން ޖުމްލަ 54 ކާރު ޕާކިން ސްލޮޓާއި 782 ސައިކަލް ޕާކިން ސްލޮޓްވެސް އެ އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވަނީ ކަނޑައަޅާފައެވެ.
އަލީ ޔާމިން
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ