ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2025ގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްފިއެވެ.

އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިއަހަރުގެ ޑީއެމްއާރްއާރްގައި ވަނަވަނައަށް ހޮވުނު ދުވުންތެރިންނަށް ޖުމުލަ 256،000 ރުފިޔާގެ ފާއިސާގެ އިނާމު ވަނީ ދީފައެވެ. އެގޮތުން، 21.1K ކެޓެގަރީގެ ޗެމްޕިއަންއަށް 25,000 ރުފިޔާގެ ފައިސާގެ އިނާމު ދިރާގުން ހަދިޔާކޮށްފައިވާ އިރު، ރަނަރަޕަށް 15,000 ރުފިޔާ އަދި ސެކަންޑް ރަނަރަޕަށް 10,000 ރުފިޔާގެ އިނާމު ވަނީ ދީފައެވެ.

އަދި 10K ،5K އޯޕަން އަދި 5K ކޯޕަރޭޓް ކެޓެގަރީތަކުގެ ޗެމްޕިއަނުންނަށް 10,000 ރުފިޔާ، ރަނަރަޕަށް 8,000 ރުފިޔާ އަދި ސެކަންޑް ރަނަރަޕަށް 6,000 ރުފިޔާގެ ފައިސާގެ އިނާމުވެސް ވަނީ ހަވާލުކޮށްފައެވެ. އޭގެ އިތުރުން 5K ސްކޫލް ކެޓެގަރީގެ ވަނަތައް ހާސިލުކުރި ދަރިވަރުންނަށް ވަނީ ހާއްސަ ގިފްޓް ވައުޗަރު ހަވާލުކޮށްފައެވެ. އެއީ ޗެމްޕިއަނުންނަށް 5,000 ރުފިޔާ، ރަނަރަޕަށް 3,000 ރުފިޔާ އަދި ސެކްންޑް ރަނަރަޕަށް 1,000 ރުފިޔާގެ ވައުޗަރުތަކެވެ.

އޭގެ އިތުރުން އެ ހަފުލާގައި ދިރާގުން ވަނީ 21.1K އަދި 10K ކެޓެގަރީތަކުން 45 އިން 50 އަހަރާއި، 51 އިން 55 އަހަރާއި، 56 އިން 60 އަހަރު އަދި 61 އިން 65 އަހަރުގެ އުމުރުފުރާތަކުން އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ދިޔަ ފަރާތްތަކުގެ އަގުވަޒަންކޮށް ހާއްސަ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

އެ ހަފުލާގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ، އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގު މޯލްޑިވްސް ރޯޑްރޭހަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުމުގެ ރޭހުގެ އިތުރުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޝިއާރުގައި ހިންގޭ، އަދި އެކަމަށް މަސައްކަތްކުރާ އެތައް ޖަމްއިއްޔާއަކަށް މަންފާ ލިބޭ ބޮޑު އިޖުތިމާއީ ހަރަކާތެއް ކަމަށެވެ.

"މި ދުވުން ރަމްޒުކޮށްދެނީ މުޖުތަމައުގެ އެއްބައިވަންތަކަމާއި، އެންމެންގެ ބައިވެރިވުން، އަދި ދެމެހެއްޓެނިވި ވެއްޓެއް ކަށަވަރުކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް. ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ބައިވެރިން އަދި އެހީތެރިވެދެއްވި ފަރާތްތަކުން މިކަމަށް ދެއްވާ ތަރުހީބަށާއި އަދި މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ކާމިޔާބު ރެކޯޑް ރޭހަކަށް ހެއްދެވުމަށް ދެއްވި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވިއެވެ.

ދިރާގުން ވަނީ އެ ހަފުލާގައި ޖުމުލަ 678،800 ރުފިޔާ ރޯޑް ރޭހުގެ އެންޑޯސްޑް އެންޖީއޯތަކަށް ހަދިޔާކޮށްފައެވެ. އެގޮތުން ރޭހުގެ ބައިވެރިން އެންމެ ގިނައިން ނޮމިނޭޓްކުރި ފަސް އެންޖީއޯއަކަށް ޖުމުލަ 200،000 ރުފިޔާގެ ފައިސާގެ އިނާމު ދިރާގުން ވަނީ ހުށަހަޅައިފައެވެ. އަދި ބައިވެރިންގެ ރަޖިސްޓްރޭޝަން ފައިސާގެ ބަޔަކާއި ހާއްސަ ބިބް ނަމްބަރު ވިއްކައިގެން ލިބުނު ފައިސާ ވަނީ ރޯޑް ރޭހުގެ އެންޑޯސްޑް 13 އެންޖީއޯއަށް ހަވާލުކޮށްފައެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓެވެ. އެގޮތުން މިއަހަރު ބޭއްވި ދުވުމުގެ 16 ވަނަ އެޑިޝަން ބާއްވާފައިވަނީ މިދިޔަ މަހުގެ 24 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

އެ ދުވުމުގައި 4،500 އަށް ވުރި ގިނަ ބައިވެރިން ރެޖިސްޓާ ކުރި އިރު، 44 ގައުމެއްގެ ދުވުންތެރިން ބައިވެރިވިއެވެ. އަދި 28 ސްކޫލާއި 128ޱކޯޕަރޭޓް ޓީމު ވަނީ ބައިވެރިވެފައެވެ. އޭގެ އިތުރުން، މިއަހަރުގެ ރޭހުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ވަނީ ހާއްސަ ލަނޑުދަނޑިއެއް ހާސިލުކޮށްފައެވެ. އެގޮތުން، ޑީއެމްއާރްއާރް ބޭއްވުމަށް ބޭނުންކުރި ކަރަންޓުގެ މިންވަރު ގްރިޑް-ޓައިޑް ސޯލާ ސިސްޓަމް މެދުވެރިކޮށް ވަނީ 100 ޕަސަންޓު އޮފް-ސެޓްކޮށްފައެވެ.

އެ ހަފުލާގައި ދިރާގުން ވަނީ އަންނަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް، އަންނަ އަހަރުގެ އޮކްޓޯބަރު 30 ގައި ބާއްވާނެ ކަމަށްވެސް އިއުލާނުކޮށްފައެވެ.

ޑީއެމްއާރްއާރްއަކީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.