ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު އާޓިފިޝަލް ބީޗް ސަރަހައްދު ފުރާލައިފިއެވެ.

އާޓިފިޝަލް ބީޗްގައި މިހާރު ކުރިއަށްދާ ޕީއެންސީގެ ޖަލްސާ ފެށީ މިރޭ 8:30 ގައެވެ. މީހުން ގިނަވުމާއެކު އެ ޖަލްސާއަށް އެއްވި ބައެއް މީހުން ހެންވޭރު ދަނޑާ ހިސާބުގައި ވެސް އެބަތިއްބެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއީ އެންމެ ގިނަ އަދަދެއްގެ މީހުން ބައިވެރިވާ ސިޔާސީ ހަރަކާތްކަމުގެ މައުލޫމާތު ލިބޭ ކަމަށާއި އެގޮތުން 13،000 އެއްހާ މީހުން ޖަލްސާގައި ބައިވެރިވާ ކަމަށެވެ.

ރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ ބަޔަކާއެކު މީގެ ކުރިން ސިޔާސީ ހަރަކާތް ގިނައިން ބާއްވާފައިވަނީ އެމްޑީޕީންނެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ބޮޑު ހަރަކާތެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު 2018 ވަނަ އަހަރު ރާއްޖެ ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމަށް ބޭއްވި ހަރަކާތެވެ. އެ ހަރަކާތުގައި ބައި ލައްކަ މީހުންނާ ގާތްކުރާ އަދަދަކަށް މީހުން ބައިވެރިވިއެވެ.

ޕީއެންސީން މިރޭ ބާއްވާ ޖަލްސާއަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ ޖަލްސާއެކެވެ. އެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ސަރުކާރުގެ އިސްވެރިން އަދި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.