މާލެ ސަރަހައްދުގައި 3000 ހައުސިން ޔުނިޓް ހެދުމަށް ބޭނުންވާ ބިން، ހައުސިން މިނިސްޓްރީން ބީއެމްއެލްގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ގެދޮރު މިލްކުކުރުމުގެ ފުރުސަތު އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ކޮމާޝަލް ބޭންކުތަކުން އެ ބޭންކުތަކުން ދޫކުރާ ލޯނުގެ 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމްއަށް މިހާރު ދޭން ޖެހެއެވެ.

ބީއެމްއެލުން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހުއްދައާއެކު، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދައި ރަޖިސްޓްރީކޮށްފައެވެ. ސަރުކާރުން ބިންތައް ހަވާލުކުރީ އެ ކުންފުންޏާއެވެ.

ބީއެމްއެލް ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ މުއްތަލިބް އެވެ. އަދި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާމްއެެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު ބޭންކަކީ ލޯން މާކެޓްގެ 52 ޕަސެންޓު ހިއްސާކުރާ ބޭންކެއް ކަމަށްވާތީ، އެ މަޝްރޫއު ބީއެމްއެލަށް ލިބުމުން އެ ކުންފުންޏަށް ލިބޭ ޝަރަފާއި ޒިންމާ އެ ކުންފުންޏަށް އިހުސާސް ކުރެވޭ ކަމެއް ކަމަށެވެ.

އެ ސްކީމްގެ ދަށުން ދިވެހި އާއިލާތަކަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު އިތުރަށް ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެެކެވެ.

އެހެން ނަމަވެސް، ބޭންކުން ވަނީ ރާއްޖޭގެ ހިއްސާދާރުންނާއި ކަސްޓަމަރުންގެ މަސްލަހަތު ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާނެކަން ކަށަވަރު ކުރާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

"މި ހައުސިން ޔުނިޓްތައް ބިނާ ކުރާނީ ބޭންކުން ފަންޑުކޮށް، ގާބިލު އަދި ތަޖުރިބާކާރު ޑިވެލޮޕަރުންގެ އެހީގައި، ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ މީހުންނަށް ލީސް ޓު އޯން މޮޑެލްއެއް ބޭނުންކޮށްގެން. މި މަޝްރޫއު ކުރިއަށްގެންދާނީ ރައްޔިތުންނަށް ގެދޮރު މިލްކުކުރެވޭ ބަޔަކަށް ހެދުމަށް. ކޮންމެ މަހަކު ފައިސާ ދައްކައިގެން އެ ޕްރޮޕަޓީ ކުއްޔަށް ހިފޭނެ. އެ ފައިސާ ދެއްކުމުން އޯނާޝިޕް އެ މީހުންނަށް ބަދަލު ކުރެވޭނެ،" ޝަރީފް ވިދާޅުވިއެެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމަށް ދިވެހި އަދި ބައިނަލްއަގުވާމީ ޑިވެލޮޕަރުންނަށް ބީއެމްއެލުން މިހާރު ވާނީ ދައުވަތު ދީފައި ކަމަށާއި އެއަށްފަހު، އެ ކުންފުނިން އެ އިނީޝިއޭޓިވް ކުރިއަށް ގެންދިޔުމަށް ބޭނުންވާ އިވެލުއޭޝަންތަކާއި، ޑިއު ޑިލިޖެންސް، އެމްއޯޔޫތަކުގައި ސޮއިކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑާ ސަރުކާރުން ހަވާލުކުރީ ވިލިމާލޭގެ ބިމަކާއި ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ތިނެއްގެ ބިމެކެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ތިނެއްގައި 2700 ހައުސިން ޔުނިޓު ހަދާނެ ކަމަށާއި ވިލިމާލޭގައި 3000 ހައުސިން ޔުނިޓު ހަދާނެ ކަމަށެވެ.