އީވޯޓިން އަށް ދިޔުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

ޒާހިދު މިހެން ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރުމަށް މަޖިލީހުގެ ބަޖެޓް ކޮމިޓީން ބޭއްވި މިއަދުގެ ބައްދަލުވުމުގައި، ރާއްޖޭގައި އީވޯޓިން ތައާރަފް ކުރުމާބެހޭގޮތުން ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު އަޒާން މަރުޒޫގް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ޒާހިދު ވިދާޅުވީ، ހަރަދު ކުޑަ ނަމަވެސް އީ ވޯޓިންނަށް ދާން ނުވިސްނަނީ، ރާއްޖޭގައި މިހާރު އޮތް އިންތިހާބީ ނިޒާމަށް ރައްޔިތުންގެ އިތުބާރު އޮތުމުން ކަމަށެވެ.

އިންތިހާބެއްގައި އެންމެ މުހިއްމީ ރައްޔިތުންގެ އިތުބާރު އެ އިންތިހާބަކާ މެދު އޮތުންކަން ފާހަގަ ކުރައްވައި ޒާހިދު ވިދާޅުވީ، ރާއްޖޭގައި މިހާރު އިންތިހާބުތައް ބާއްވަމުން އަންނަ ނިޒާމާ މެދު ރައްޔިތުންގެ އިތުބާރު އެބައޮތް ކަމަށާއި އެކަން ބަދަލުކުރެވޭނެ މާހައުލެއް މިވަގުތު އޮތް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޒާހިދު ވިދާޅުވީ، މަޖިލީހުން ގާނޫނަށް ބަދަލުކޮށް، އީވޯޓިން ނިޒާމަށް ވޯޓިން ނިޒާމު ބަދަލުކުރަން އީސީގެ މައްޗަށް ލާޒިމު ކުރިޔަސް، އެކަން ތަންފީޒު ކުރަން ދަތިވާނެ ކަމަށެވެ.

ނަމަވެސް، ކުރިމަގުގައި އެކަން ކުރާނަމަ އެންމެ ރަނގަޅު ގޮތަކީ ސިޔާސީ ޕާޓީތަކާ އެކު އެކަމަށް މަސައްކަތް ކުރުން ކަމަށާއި އޭރުން ރައްޔިތުންގެ އިތުބާރު ހޯދަން ފަސޭހަވާނެ ކަމަށްވެސް ވިދާޅުވިއެވެ.