ރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފިޝަރީޒް މިިނިސްޓްރީން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ފަރުމަސްވެރިކަމުގެ މުބާރާތެއް އަންނަ މަހުގެ 12 ވާ ހުކުރު ދުވަހު ރ. ދުވާފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ މުބާރާތަކީ ރ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމަށެވެ. އެ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ކަމާގުޅޭ ފޯމު (https://tinyurl.com/4xe7p9jv) ފުރިހަމަ ކުރުމަށްފަހު މިމަހުގެ 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފިޝަރީޒް މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
އެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ 15:00 އިން 21:00 އަށެވެ. އެ މުބާރާތް ފެށުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތުގެ ކަންކަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދުވާފަރުގައެވެ.
ޓީމުގެ މެނޭޖަރު ހިމެނޭހެން ޓީމުތަކުގައި 13 މެންބަރުން ތިބެން ޖެހެއެވެެ.
އެ މާބާރާތުގައި ބައިވެރިވުމަށް ހުށަހަޅާ ފޯމުތައް ފިޝަރީޒް މިނިސްޓްރީން ބެލުމަށްފަހު، ޝަރުތުތައް ހަމަވާ 20 ޓީމަށް، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީން ދީފައިވާކަން ލިޔުމަކުން އަންގާނެ ކަމަށްވެސް ގަވައިދުގައި ބުނެފައިވެއެވެ.
އެ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގައި ދެ ޖިންސުގެ މީހުން ހިމެނޭނެ ކަމަށާއި ޓީމުތަކުން ހުށަހަޅާ ނަންތަކަކީ އޮފީސް، ކުންފުނި، ޖަމިއްޔާ ނުވަތަ ބްރޭންޑެއްގެ ނަން ރަމްޒުކޮށްދޭ ނަމަކަށް ހެދިދާނެ ކަމަށްވެސް ގަވައިދުގައިވެއެވެ.
އެ މުބާރާތުގައި ވަނަތަކަށް ހޮވޭ ފަރާތަކަށް، އެއްވަނަ ޓީމަށް 15،000 ރުފިޔާ، ދެވަނަ ޓީމަށް 10،000 ރުފިޔާ، ތިންވަނަ ޓީމަށް 7،000 ރުފިޔާ އަދި އެެންމެ ބަރުމަސް ބާނާ ފަރާތަށް 1،500 ރުފިޔާ ދިނުމަށް ހަަމަޖެހިފައިވާ ކަމަށްވެސް ގަވައިދުގައިވެއެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު 3339225 / 3339272 އާ ގުޅާލުމުން ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ފާތިމަތު ލިއުޝާ
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް