ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ޓީކުއިން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑަށް އެއްމަސް ދުވަހުގެ ތެރޭގައި 3.3 މިލިއަން ޑޮލަރު ދޭން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް، ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ހައިކޯޓުން ނެރެފިއެވެ.
ސިވިލް ކޯޓުން، އެފްއޭއެމްގެ މައްޗަށް އެ ހުކުމް ކޮށްފައިވަނީ 2024 އޮކްޓޫބަރު 03 ގައެވެ. ސިވިލް ކޯޓުން އެ ހުކުމް ކޮށްފައިވަނީ އެފްއޭއެމްއެގެ ޣައިރު ހާޒިރުގައެވެ. އެހެންވެ އެފްއޭއެމުން ވަނީ ޣައިރު ހާޒިރުގައި ކުރި ހުކުމް ބާތިލުކުރަން ނުވަތަ ބަދަލުކުރަން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ. ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު މިއަހަރުގެ މޭމަހުގެ އަށްވަނަ ދުވަހު ހުކުމްކުރީ އެފްއޭއެމްއިން ހުށަހެޅި މައްސަލަ ކުރިއަށް ގެންދާނެތަނެއް ކަމަށެވެ.
ސިވިލް ކޯޓުގެ އެ ހުކުމް އެފްއޭއެމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށްފަހު ވަނީ ސިިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައެވެ. ހައިކޯޓުން ވަނީ އެފްއޭއެމުން އެދުނު ގޮތަށް މިދިޔަ ހޯމަ ދުވަހު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދީފައެވެ.
މިއީ ޓީކުއިން ކޮންސްޓްރަކްޝަނާއި އެފްއޭއެމްއާ ދެމެދު 20 މާޗް 2021 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ވިލިމާލެއާއި ހުޅުމާލޭގައި ތަރައްގީ ކުރި ފުޓްބޯޅަ ދަނޑުތަކެއްގެ މަސައްކަތުގެ އަގު ދީފައިނުވާތީ އެފްއޭއެމްއާ ދެކޮޅަށް އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
ކޮރެއާ ކުންފުނިން ކޯޓުގައި ބުނެފައިވަނީ އެ ފަރާތުން ކޮށްފައިވާ އެކި މަސައްކަތުގެ އަގުގެ ގޮތުގައި 1.1 މިލިއަން ޑޮލަރާއި 1.9 މިލިއަން ޑޮލަރުގެ އިތުރުން ހުޅުމާލެ ރީކޮންސްޓްރަކްޝަން މަސައްކަތުގެ އަގަށްވާ 122،000 ޑޮލަރާއި ރިކުއާމެންޓަށް ބަދަލު ގެނައުމުގެ އަގަށްވާ 122،000 ޑޮލަރާއެކު ޖުމުލަ 3.3 މިލިއަން ޑޮލަރު އެއްބަސްވުމުގެ ދަށުން އެފްއޭއެމްއިން އެ ފަރާތަށް ދޭންޖެހޭ ކަމަށެވެ.
އެ ފައިސާ ނުދެއްކުމުގެ ސަބަބުން މާލީގޮތުން ވެފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި، އެފްއޭއެމްއަށް ލީގަލް ނޯޓިސް ފޮނުވި ތާރީހު ކަމަށްވާ 28 ފެބްރުއަރީ 2023 އިން ފެށިގެން ކޮންމެ މަހަކަށްވާ ޖުމުލަ އަގުގެ ހަ ޕަސެންޓަށްވާ 202،920 ޑޮލަރުގެ އަގުގެ 10 މަސް ދުވަހަށްވާ ދެ މިލިއަން ޑޮލަރާއި ލީގަލް ފީގެ ގޮތުގައި ހަރަދު ކުރަންޖެހުނު 500،000 ޑޮލަރާއެކު ޖުމުލަ 5.9 މިލިއަން ޑޮލަރު އެފްއޭއެމްއިން ދޭންޖެހޭ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
އެ ކުންފުނިން އިތުރަށް ބުނެފައިވަނީ އެ ފައިސާ ދެއްކުމަށް އެދުނު ލުއިތައް އެފްއޭއެމްއަށް ދިން ނަމަވެސް އެއާ އެއްގޮތަށް ފައިސާ ދައްކާފައިނުވާ ކަމަށެވެ. އެހެންކަމުން އެ ކުންފުނިން ސިވިލް ކޯޓުގައި އެދުނީ އެ ފައިސާ އެކީ އެއްފަހަރާ އެފްއޭއެމްގެ ފަރާތުން ނަގައިދިނުމަށެވެ.
މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ބުނެފައިވަނީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހޯދަން އެދިފައިވާ އިރު، ދެ ފަރާތުންގެ އެއްބަސްވުމުގައި ގެއްލުމުގެ ބަދަލުގެ ވާހަކަ ނެތް ކަމަށެވެ. އެހެންކަމުން އެ ފައިސާ ނަގައިދެވޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށެވެ.
އަދި ލީގަލް ފީގެ ގޮތުގައި 500،000 ޑޮލަރު ހޯދަން ހުށަހަޅާފައިވާ އިރު، އެއީ އެކަށީގެންވާ ހާލަތެއްގައި ކުރި ހަރަދެއްތޯއާއި އެ ހަރަދުގެ އަދަދުތަކަކީ މުނާސަބު އަދަދުތަކެއްކަން އެނގޭފަދަ ތަފުސީލެއް ހުށަހަޅާފައި ނުވާތީ އެ ފައިސާ ނަގައިދެވެން ނެތް ކަަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް ފުޓްބޯޅަ ދަނޑުތަކުގެ އަގުގެ ގޮތުގައި ހޯދުމަށް ހުށަހަޅާފައިވާ 1.1 މިލިއަން ޑޮލަރާއި 1.9 މިލިއަން ޑޮލަރުގެ އިތުރުން ހުޅުމާލެ ރީކޮންސްޓްރަކްޝަން މަސައްކަތުގެ އަގަށްވާ 122،000 ޑޮލަރާއި ރިކުއާމެންޓަށް ބަދަލު ގެނައުމުގެ އަގަށްވާ 122،000 ޑޮލަރާއެކު ޖުމުލަ 3.3 މިލިއަން ޑޮލަރަކީ އެ ކުންފުންޏަށް އެފްއޭއެމްއިން ދައްކަންޖެހޭ ފައިސާއެއްކަން ސާބިތުވާކަމަށް ސިވިލް ކޯޓުން ހުކުމްކުރިއެވެ.
މުހައްމަދު އިޝާން
ހައިކޯޓު
ހައިކޯޓު
ހައިކޯޓު
ޢަދިވެސް ރާއްޖެއިން ބޭރަށް ފައިސާ ދެވޭތޯ ބަލާތި
ގަރުދިޔަ - 7 މަސް ކުރިން