ބީއެމްއެލްގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ޓްރާންސްފާކުރަން ކިއުއާރް ކޯޑް ބޭނުންކުރެވޭ ގޮތް ހަދައިފިއެވެ.

ބީއެމްއެލް އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ފަސޭހަ އަދި އަވަހަށް ޓްރާންސްފާ ކުރެވޭ ގޮތަށް "ޕޭއެމްވީ ކިއުއާރު"ގެ ހިދުމަތް މިހާރު ފަށާފައިވާ ކަމަށެވެ.

އެ ފީޗާއިން، ބޭންކުގެ މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާ އެކު، ފައިސާ ފޮނުވަން ބޭނުންވާ ފަރާތުގެ ކިއުއާރު ކޯޑް ސްކޭން ކޮށްގެން ފައިސާ ފޮނުވައި އަދި ފައިސާ ބަލައިގަނެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ މި ހިދުމަތް ތައާރަފުކުރުމާ އެކު، އެ ބޭންކަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް (އެމްޕީއެސްޑީ) މަޝްރޫއުގެ ދަށުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރި ފުރަތަމަ ބޭންކް ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ޕޭމަންޓް ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް، އާ ޕޭމަންޓް ސްޓޭންޑަޑާ އެއްގޮތަށް ހިދުމަތް ފޯރުކޮށްދިނުމަށް މަރުކަޒީ ބޭންކުން އިރުޝާދު ދީފައިވާ ކަމަށެވެ.

"ރާއްޖޭގައި ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭ ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ ހައިސިއްޔަތުން، މި މަޝްރޫއަށް އަމަލުކުރަން ފެށުމުގެ ފުރަތަމަ ފިޔަވަޅު ބޭންކުން އެޅުމަކީ އަޅުގަނޑުމެން އުފާކުރާ ކަމެއް. މިއަދުން ފެށިގެން ކިއުއާރު ކޯޑް ސްކޭން ކޮށްގެން އެކައުންޓުތަކުން ފައިސާ ފޮނުވައި، އަދި ކިއުއާރު ކޯޑް ޖެނެރޭޓް ކޮށްގެން ފައިސާ ބަލައިގަނެވޭނެ. މި އާ ފީޗާއާ އެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ލިބޭ ބޭންކިން އެކްސްޕީރިއެންސް އިތުރަށް ފުރިހަމަވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.

މި މުހިންމު ކާމިޔާބީ އިން، ރާއްޖޭގެ ޕޭމަންޓް ޓެކްލޮޖީ ކުރިއަރުވައި، ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަވާ ކަމަށް ވެސް އެ ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނީ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު، އެ ބޭންކުގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.