ފަސްއަހަރު ދުވަހުގެ ތެރޭގައި ޑިގްރީ ހާސިލުނުކޮށް ތިބޭ، މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުންގެ މަގާމު ގެއްލޭގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި ބިލުގައި ބުނެފައިވަނީ، މި އިސްލާހު ގާނޫނަށް ގެނެސް އަމަލު ކުރަން ފަށާއިރު ދަށުކޯޓުތަކުގެ ތެެރެއިން މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަންކޮށްފައިވާ ފަނޑިޔާރުންގެ ތެރެއިން އެންމެ ކުޑަމިނުން ޑިގްރީއެއް ހާސިލުކޮށްފައިނުވާ ފަނޑިޔާރުން، އެއް އަހަރު ދުވަހުގެ ތެރޭގައި ޑިގްރީ ޕްރޮގްރާމެއްގައި ބައިވެރިވާންވާނެ ކަމަށެވެ. އަދި މިއަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން ފަސް އަހަރު ދުވަހުގެ ތެރޭގައި އެޕްރޮގްރާމް ފުރިހަމަކޮށް، ޑިގްރީ ހާސިލުކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ބިލުގައި ބުނެފައިވަނީ އެގޮތަށް އިސްލާމީ ޝަރީޢާ ނުވަތަ ގާނޫނައި އިސްލާމީ ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކުރާ ފަރާތްތަކަކީ ގާނޫނުގައި ބަޔާންކުރާ ފަނޑިޔާރެއްގެ ޝަރުތު ހަމަވާ ފަރާތެއްކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައަޅަންވާނެ ކަމަށެވެ.

ނަމަވެސް ކަނޑައަޅާފައިވާ ފަސް އަހަރު ދުވަހުގެ މުއްދަތުގައި ޖޭއެސްސީން ކަނޑައަޅާ މަގުބޫލު އުޒުރެއްނެތި އެފަދަ ޕްރޮގްރާމެއްގައި ބައިވެރިވެ ޑިގްރީ ހާސިލްކޮށްފައިނުވާނަމަ، ފަނޑިޔާރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ފުރިހަމަނުވާކަމަށް ޖޭއެސްސީން ކަނޑައަޅަންވާނެ ކަމަށާއި، އެ ހާލަތުގައި އެ ފަނޑިޔާރެއްގެ މަގާމު ހުސްވީކަމަށް ބެލެވޭނެ ކަމަށްވެސް ބިލުގައިވެއެވެ.

އޭގެ އިތުރުން ސުޕްރީމް ކޯޓަށް ކުރިމަތިލާ ފަނޑިޔާރެއްގެ މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖުރިބާ ހުންނަންވާނެ ކަމަށާއި، މެޖިސްޓްރޭޓް ކޯޓުތަކަށް ކުރިމަތިލާ ފަރާތެއްގެ މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ހުންނަންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ނަމަވެސް ކޯޓެއްގެ ލީގަލް އޮފިސަރުކަމުގެ މަގާމުގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ހުރި މީހަކީ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުކަމަށް އެކަށީގެންވާ ތަޖުރިބާ ހުރި މީހެއްކަމަށް ބަލަންވާނެ ކަަމަށްވެސް ބުނެފައިވެއެވެ.

ފަނޑިޔާރުކަން ކޮށްފައިވާ ބޭފުޅަކު ގާނޫނީ ވަކީލުކަމަށް ރުޖޫއަވުމަށްފަހު ވަކާލާތު ނުކުރެވޭނެ ހާލާތްތަކެއްވެސް މި ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

އެގޮތުން ފަނޑިޔާރުކަމުން ވަކިވުން ނުވަތަ ވަކި ކުރާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ މުއްދަތަށް، އެ ފަނޑިޔާރަކު ފަނޑިޔާރުކަމުން ވަކިވާ ދުވަހާ ހަމައަށް، ފާއިތުވި ތިން އަހަރު ފަނޑިޔާރުކަމުގެ މަގާމު އަދާކޮށްފައިވާ އެއްވެސް ކޯޓަކަށް އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެގޮތުގައި ހާޒިރުނުވެވޭނެކަަމަށް ވަނީ ބަޔާންކޮށްފައެވެ.