20 މީހުންނާއެކު ދަތުރުކުރި ތުރުކީގެ މިލިޓަރީ ފްލައިޓެއް ވެއްޓިއްޖެއެވެ.

ތުރުކީގެ މިލިޓަރީއަށް ނިސްބަތްވާ ސީ-130 މަރުކާގެ އެފްލައިޓު ވެއްޓިފައިވަނީ އިއްްޔެ އަޒަރުބައިޖާނުން ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޖޯޖިއާއަށް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ފްލައިޓުން 20 މީހުން ދަތުރުކޮށްފައިވާ ކަމަށާއި އޭގެން ދަތުރުކުރި މީހުންގެ މައުލޫމާތު އަދި ސާފު ނުވާ ކަމަށެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާން ވަނީ އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައިފައެވެ. އަދި އެމީހުން މަރުވެފައިވަނީ ހިދުމަތުގައި ތިއްބައި ކަމަށް އުރުދުގާން ވިދާޅުވިއެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފުވެފައިނުވާ އިރު، މިލިޓަރީން ވަނީ 20 މީހުން އެ ފްލައިޓުގައި ދަތުރުކުރި ކަމަށް ބުނެފައެވެ.

އޮފިޝަލުން ބުނީ ތުރުކީ އާއި ޖޯޖިއާގެ ރެސްކިއު ފަރާތްތަކުން ގުޅިގެން ފްލައިޓު ވެއްޓުނު ސަރަހައްދަށް ދަތުރުކުރަމުން އަންނަ ކަމަށެވެ.

ޖޯޖިއާގެ ނޫސްތަކުން ވަނީ ފްލައިޓު ވެއްޓިފައިވަނީ އަޒަރުބައިޖާނާއި އެގައުމު ގުޅޭ ބޯޑަރު ސަރަހައްދަށް ކަމަށާއި ވެއްޓުނު ސަބަބު ހޯދުމަށް ޖޯޖިއާގެ އޮފިޝަލުން ތަހުގީގު ފަށާފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައެެވެ.