އިންޑިއާގެ ދިއްލީގައި ކާރު ގޮއްވާލި ހަމަލާ އަކީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ދިއްލީގެ ފުލުހުން ބުނެފިއެވެ.

ދިއްލީގެ ފުލުހުން ބުނީ ހޯމަ ދުވަހުގެ އިރުއޮއްސުނުފަހުން އެ ސިޓީގައި ކާރެއް ގޮއްވާލައިގެން ދިން ހަމަލާ ތަހުގީގު ކުރަމުން އަންނަނީ ޓެރަރިޒަމްއާ ދެކޮޅަށް އެގައުމުން އަމަލުކުރަމުން އަންނަ ގާނޫނުގެ ދަށުން ކަމަށެވެ.

ފުލުހުން އެގައުމުގެ އިދާރާތަކާ ގުޅިގެން އެ ހަމަލާގެ ތަހުގީގު ފަށާފައިވާ އިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެ ހަމަލާގައި ބައިވެރިވި އެންމެން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންދާނެ ކަމަށް ވިދާޅުވެފައެެވެ.

ދިއްލީގެ ކާރުބާރު ބޮޑު ރެޑްފޯޓް ސަރަހައްދުގައި ދިން އެ ހަމަލާގައި ކާރެއް ގޮއްވާލާފައިވާ އިރު، އެ ސަރަހައްދުގައި ދަތުރުކުރަމުން ދިޔަ އެހެން އުޅަނދުތައްވެސް ރޯވެ އަނދައި ބޮޑެތި ގެއްލުން ވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަމަލަގައި މަރުވި މީހުންގެ އަދަދު ރަސްމީކޮށް އަދި ހާމަކޮށްފައި ނުވާ އިރު، އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ އެ ހަމަލާގައި 13 މީހުން މަރުވެފައިވާކަމަށް ރިޕޯޓުކޮށްފައެވެ. ހަމަލާގެ ސަބަބުން 20 މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.